ރާއްޖޭގެ ސިޔާސީ މަސްރަހަކީ ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އެއްވަރަށް ގޯސްވެ ރަނގަޅުވާ ކަމެކެވެ.
ވިހިތޭވީސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މައިގަނޑު ގޮތެއްގައި އިދިކޮޅުން ބޭނުންކުރަމުންއައި އެއްބަހަކީ " އިބޫ ނޫންގޮތެއް" މި ބަހެވެ.

މިދެންނެވި އިބޫނޫންގޮތެއް ކިޔައި ހޯދައި ވައިގައި ހިފި ހިފީ ނުން ގަދަ ފަސް އަހަރުގެ ވެރިކަމެއް ފުރޮޅާލައިފި ތަން ފެނިގެން މިދިޔައީ އިހަށްދުވަހު އެވެ.
ނަމަކުން ކަމެެއް ކުރާނަމަ މިއޮތީ ބޭނުންކުރި ބަސްތެދުކޮށްފައެވެ. މިވާހަކަ ދެން އިތުރަށްދައްކާނެކަމެއް ނެތެވެ. އެހެނަސް ތާރީހަށްޓަކައި މިއީ ފޮރުވާފައި ބަހައްޓަންޖެހޭ މުހިންމުވާހާކައެކެވެ.
މިހާރު ދައްކަންމިއުޅެނީ މުޅިން އެހެންވާހާކައެކެވެ. އެހެންނަމަވެސް ދާދިއެއްގޮތެވެ. ބަދަލަކަށް އައީ ހަމައެކަނި ނަމަށް އައި ބަދަލެވެ. މިފަހަރު " އަންނި ނޫންގޮތެއް" ހޯދުމަށް މަސައްކަތް ފަށައިފި ހަބަރު ކޮޅުކޮޅު މަތިން ފެންނަން ފަށައިފިއެވެ.

އެބޭފުޅުން އެދުވަހު ވިދާޅުވީ ރައީސް އިބޫ ނޫންގޮތެކޭ. އެހެންވީމާ އަޅުގަނޑުމެންވެސް ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް – އިބްރާހީމް ވަހީދު-.
މިއީ މިކަން ފެށުމުގެ ކޮޅުމަތި ކަމަށް ވެދާނެއެވެ. މިހާރު އެމްޑީޕީ މެންބަރުން ބުނަމުން ގެންދަނީ މަޖިލިސްގެ ރައީސްކަމުގެ މަޤާމުގައި ހުންނަން ވާނީ އެމްޑީޕީގެ މެންބަރެއްކަމާއި، ރައީސް ނަޝީދަކީ އެހެން ޕާޓީއެއްގެ މެންބަރަކަށް ވުމުގެ އިތުރުން އެމްޑީޕީ އާއި ޢަދާވާތްތެރި ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ޕާލަމެންޓަރީ ގްރޫޕުގެ އިންތިފާޤުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވެއްދުމަށް ވަނީ ފާސްކުރައްވާފައެވެ. އަދި އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ބޭނުންވާ ޕެޓިޝަނުގައި މިހާތަނަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ 45 ޢިއްޒަތްތެރި މެންބަރުން ވަނީ ސޮއި ކުރައްވާފައެވެ.

އަދި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވިދާޅުވަނީ މިފަހަރު ފަސްޖެހުމެއް ނެތްކަމަށެވެ. މަޖިލިސްގެ ރައީސް އާއި ނައިބު ރައީސް ވެސް މަޤާމުން ދުރުކުރައްވާނެ ކަމަށެވެ.
ދެން މިކަން ނިމޭނެ ގޮތްބަލަން ތިބެެމާ ހިގާށެވެ. ރައީސް ނަޝީދަކީ ރާޒުވާބައި ނިކަން ރީއްޗަށް އަތުރާލާ ބޭފުޅެކޭ ބުނާ އަޑުއަހަމުއެވެ. މިކަމަށްވެސް ތެދެކޭ ބުނެވިދާނެއެވެ. އެންމެފަހުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެމްޑީޕީއަށް ތާއީދު ކޮށްފާނެ ކަމަށްބަލައި އެމައްސަލަ ވަނީ އެމްޑީޕީން އަނބުރާ ގެންގޮސްފައެވެ.
އެހެންއެކަން ދިމާވީވެސް ނަޝީދުގެ ވިސްނުންފުޅު ރަނގަޅުކަމުންނޭ ބުނެވިދާނެއެވެ. ކޯލިޝަންހަދަން މަޝްވަރާކުރަން ތައްޔާރޭ ބުނިދުވަސް ނޫން އަނެއް ދުވަހު މަޖިލީހުގެ އެޖެންޑާގައި ގައި އިތުބާރުނެތް ކަމުގެ އެމައްސަލަ އެޖެންޑާކޮށް، ކުރިއަށް ގެންދަންނިންމުމުން އެމްޑީޕީ މެމްބަރުންނަށް އެކަމުގައި ދެންހަމަ ހަދާނެއެއްވެސް ގޮތެއް ނެތީއެވެ. މައްސަލަ އަނބުރާ ނެގުންނޫން އެއްވެސް ގޮތެއް ނެތީއެވެ.
އެފަހަރު ސަލާމަތްވީއެވެ. މިފަހަރު ވާނީ ކިހިނެއްތޯ ބަލަން ތިބެމާ ހިގާށެވެ.

