ދިވެހިރާއްޖޭގެ ތާރީހުގައި ވެރިކަން ބަދަލުވެގެންދާއިރު، ފަސްޓްލޭޑީން ބައްދަލު ކުރެއްވުމަކީ މިއަދާ ހަމައަށް ވެފައިވާ ކަމެއް ނޫނެވެ. ބަދަލު ވެގެން ދާ ރައީސުން ބައްދަލު ކުރެއްވި ކަމުގައިވިޔަސް، ރަސްމީ އަދި ނުރަސްމީ އުސޫލަކުންވެސް މީގެ ކުރިން ދެ ފަސްޓްލޭޑީން ބައްދަލު ކުރައްވާފައެއް ނުވެއެވެ. ކަންމިހެން އޮތްއިރު ރާއްޖޭގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، އިންތިހާބީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ބައްދަލު ކުރެއްވުމަކީ ޔަގީނުންވެސް ދިވެހި ތާރީހުގައި ލިޔެވިގެންދިޔަ ތަފާތު، ފުރިހަމަ ނަމޫނާއެކެވެ.
މިއީ މުޅި ދުނިޔެއަށްވެސް ދެއްކި ރިވެތި ނަމޫނާއެއްކަން ޔަގީނެވެ. ދުނިޔޭގެ ޑިމޮކްރެޓިކް އެހެންގައުމުތަކުގައިވެސް، ވެެރިކަން ބަދަލުވަމުން އަންނަ ދަނޑިވަޅުގައި، ފަސްޓްލޭޑީން ބައްދަލު ކުރެއްވުމަކީ އާންމުކަމެއް ނޫނެވެ. އެހެންކަމުން، މިއަދު ހެނދުނު، މުލީއާގޭގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާއާއި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ މި ތާރީހީ ބައްދަލުވުން ދައްކުވައިދިނީ އުޖާލާ ކުރިމަގަކަށް އުއްމީދީ މަންޒަރެއްކަން ޔަގީނެވެ.

އޮކްޓޯބަރ 9، 2023، ހޯމަ:ފަސްޓްލޭޑީ ފަޒްނާއަހްމަދާއި އިންތިހާބީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުމުގެ ތެރެއިން….ފޮޓޯ:ރައީސްއޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން މުއިއްޒުގެ އަނބިކަނބަލުން ސާޖިިދާ މުހައްމަދަށް ތަހުނިޔާ ވިދާޅުވިއެވެވެ.
ފަސްޓްލޭޑީ ފަޒްނާ ވަނީ ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ ސާޖިދާއާ ހިއްސާ ކުރައްވާފައެވެ. އަދި އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެ ކަމުގެ ޔަގީންކަންވެސް ސާޖިދާއަށް ދެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ސާޖިދާވެސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އޮކްޓޯބަރ 9، 2023، ހޯމަ:ފަސްޓްލޭޑީ ފަޒްނާއަހްމަދާއި އިންތިހާބީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުމުގެ ތެރެއިން….ފޮޓޯ:ރައީސްއޮފީސް
ދެކަނބަލުންވެސް ވަނީ އިޖުތިމާއީ ކަންކަން ކުރެއްވުމަށް ޝައުގުވެރިކަން ހުންނަކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާއީ ބައެއް މައްސަލަތަކާއި އެކަންކަން ހައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.
ހިނިފުޅުވެޑުވުމާއެކު އުފާވެރި، އެހާމެ އެކުވެރި މާހައުލެއްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދެކަނބަލުންވެސް އެއްކަނބަލަކު އަނެއްކަނބަލަކަށް، ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުންނެވެ.
މިއަދު ފެނިގެން ދިޔަ މިމަންޒަރުން ކުރިއަށް އޮތް މުސްތަގްބަލުގައި ދެކަނބަލުން އެެކުގައި ކޮންމެވެސް މަސައްކަތެއް ކުރެއްވުމުގެ ތެރެއިން ބައްދަލުވެވަޑައިގަންނަވާ ކަހަލަ ކުލަތަކެއްވެސް ވަނީ ފެނިފައެވެ.

އޮކްޓޯބަރ 9، 2023، ހޯމަ:ފަސްޓްލޭޑީ ފަޒްނާއަހްމަދާއި އިންތިހާބީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުމުގެ ތެރެއިން….ފޮޓޯ:ރައީސްއޮފީސް
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ދެކަނބަލުންވެސް އެކަނބަލުންގެ ފިރިންނާއެކު ވަރުގަދައަށް ހަރަކާތްތަކުގައި ނުހަނު ފުރިހަމައަށް ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް މިއަދު ދެ ފަސްޓްލޭޑީންގެ ބައްދަލުކުރެއްވުމުގައި އެއްވެސް ކަހަލަ ނުރުހުންތެެރި ކުލައެއް ނުވަތަ ހަސަދައިގެ އެއްވެސް އަސަރެއް ނެތެވެ. އެހެންކަމުން މިއީ އިންތިހާއަށް އުފާވެރި ނިހާއީ އުންމީދީ މަންޒަރެކެވެ.

