ރާއްޖެއިން އޮޕަރޭޓް ކުރާ، ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން، ބިއޯންޑް ރަސްމީކޮށް ލޯންޗުކޮށް އެއާލައިންގެ ފުރަތަމަ ބޯޓު އިއްޔެ ރާއްޖެ ގެނައުން ވެގެން ގޮސްފައިމިވަނީ ސިމްޑީ ކުންފުނިން ރާއްޖެއަށް ދިން ބޮޑު ފަހުރަކަށެވެ. ތާރީހުގައި ލިޔެވިގެން ދިޔަ މި ފަހުރުވެރި ވަގުތުގެ ހަނދާން ކޮންމެ އަހަރަކުވެސް ދެންދާނީ ފާހަގަކުރެވެމުންނެވެ. އެހެނީ މިއީ ރާއްޖޭގެ ތާރީހުގައި މިފަދަ ލަގްޒަރީ އެއާލައިނެއް އޮޕަރޭޓް ކުރާ ފުރަތަމަ ފަހަރު ކަމަށްވުމެވެ.
ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިން، ބިއޯންޑްގެ ފުރަތަމަ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ މެންދުރު 12:30 ގައި ޖެއްސުމުން ރަންވޭ މަތިން ވަނީ ވޯޓަ ސެލިއުޓްގެ މަރުހަބާއެއްވެސް ކިޔާފައެވެ. ސިމްޑީ ގްރޫޕްގެ ސީއީއޯ މަރިޔަމް ޝަކީލާވަނީ މިއުފާވެރި މުނާސަބާގައި މިއީ ރާއްޖޭގެ އިގްތިސާދަށް އައި ހެޔޮ ބަދަލެއް ކަން ފާހަގަކުރައްވާފައެވެ.
ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާ މި އެއާލައިނަކީ ދުނިޔޭގެ މިފަދަ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިނެވެ. ބިއޯންޑްގެ ދަތުރުތައް އަންނަ މަހު ފެށުމަށް ހަމަޖައްސައި ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އެ އެއާލައިނުގެ ރަސްމީ ދަތުރުތައް އަންނަ މަހު ފެށުމަށް ނިންމާފައިވާއިރު ފުރަތަމަ ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ ރިޔާދް އާއި ޖަރުމަނުގެ މިއުނިކްގެ އިތުރުން ސްވިޓްޒަލޭންޑްގެ ޒުރިކްއަށް ކަމަށެވެ. މި ތިން މަންޒިލުން ރާއްޖެއަށް ހަފުތާއަކު ދެ ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް ޓެރޯ ވިދާޅުވިއެވެ.

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން، ބިއޯންޑް ލޯންޗިންހަފްލާގެ ތެރެއިން….ފޮޓޯ:ސިމްޑީ
ބިއޯންޑްގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު ފަށަން ނިންމާފައި ވަނީ ސައުދީ އަރަބިއާގެ ރިޔާލަށެވެ. އެއަށްފަހު އެ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގެ މިޔުނިކަށް އަދި 17 ވަނަ ދުވަހު ސުވިޓްޒަލޭންޑުގެ ޒިއުރިކް ދަތުރުތައް ފަށާނެއެވެ.
ބިއޯންޑްގެ ދަތުރުތަކުގައި ނިންމާފައިވަނީ އެއާބަސް އޭ319، އޭ320 ގެ އިތުރުން އޭ321 ގެ ބޯޓުތައް ބޭނުންކުރުމަށެވެ. ޖާގަ ތަނަވަސްކުރުމުގެ ގޮތުން ބޯޓުތަކުގެ ސީޓްތައް ހުންނާނީ މަދުކޮށްފައެވެ. "އޯލް ބިޒްނަސް ކްލާސް" ގެ ސީޓުތައް ހިމެނޭ މި ބޯޓުތަކުގައި ހުންނާނީ އިޓަލީގެ އޮޕްޓިމާސް ކުންފުނިން ޑިޒައިންކޮށްފައިވާ، ލަގްޒަރީ އޯލް ލޭ ފްލެޓް ކޮންފިގަރޭޝަން، މަތީ ފެންވަރުގެ 44-68 ސީޓެވެ.

ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ، ބިއޯންޑް އެއާލައިންގެ ސަބަބުން ކުރިއަށް އޮތްތަނުގައި 1500 އެއްހާ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި އުންމީދަކީ އެ އެއާލައިންގެ ސަބަބުން ގައުމުގެ އިގުތިސާދަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާވާނެ ވިޔަފާރިއަކަށްވުން ކަމަށްވެސް ޝަކީލާ ވަނީ ވިދާޅުވެފައެވެ.
ބިއޯންޑްއިން ހަމަޖެހިފައިވަނީ ހަފުތާގެ ދެ ދުވަހު ދަތުރުތައް ކުރުމަށެވެ. އެ އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ބުކިންއަށް ވަނީ މިހާރު ހުޅުވާލައިފައެވެ.

