އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2ރ. ގެ ޓެކްސް، 50 ލާރި އަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެ، ގާނޫނު އިސްލާހުކުރަން މިދިޔަ މެއި މަހު ހުށަހެޅިޔަސް، މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލު ވެސް އޮތީ ތާށިވެފަ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި އަލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައި ކަމަށެވެ.
އެހެންވެ، އެކަމުގެ ބުރަ އާންމުންނަށް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

