ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭންޖެހޭ އަސާސީ ޙައްޤެއްކަމަށް ދިވެހި ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޢިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ސިޔާސަތުތަކެއް ބައްޓަންކުރައްވާނެ ކަމަށެވެ.
އަދި މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އެ މަގަށް ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ޑރ. މުޢިއްޒު ވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ޤާނޫނެއް އެކުލަވާލައި، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އިންޓަނޭޝަނަލް ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވިއިރު މިއަދަކީ 1992 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ.

