ތިނަދޫ ސިޓީ ކައުންސިލުން ރަށުގައި އެއްވެ އުޅުން މަނާ ސަރަހައްދު ތަކެއް ކަނޑައަޅައި އާންމު ކުރިތާ ހަފުތާ އެއް ނުވަނީސް ތިނަދޫ ސިޓީ ކައުންސިލުގެ ކުރިމަތީގައި މިއަދު އިޙުތިޖާޖު ކޮއްފިއެވެ.
މިއަދު ވެސް ކުރިޔަށް ގެންދިޔައީ ތިނަދޫ އިން ގޯތި ދޫކުރުން ލަސްވަމުން ދާތީ އެކަން އަވަސް ކޮށް ގެދޮރުގެ ދަތިކަން ޙައްލު ކުރުމަށް ގޮވާލާ، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެށި ސިލްސިލާ އިޙްތިޖާޖެވެ. މިހާތަނަށް 3 ފަހަރު ތިނަދޫ ސިޓީ ކައުންސިލް ކުރިމަތީގައި ކޮއްފައިވާ އިޙްތިޖާޖް ގައި މިއަދުވެސް ގޮވާލާ ފައި ވަނީ އެއްވާހަކަ ތަކެކެވެ.
މިއަދު މެންދުރު ކުރިޔަށް ގެންދިޔަ އިޙުތިޖާޖުގައި ބައިވެރިވި މީހަކު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އެމީހުން ގެ ގޮވާލުމަކީ ރަށުގެ މަޞްލަޙަތު ނަގާލާ ކައުންސިލް ހިނގުމަށް ދަތިކުރުމުގެ ނިޔަތުގައި ކުރިޔަށް ގެންދާ ހަރަކާތެއް ނޫން ކަމަށާއި ކިތަންމެ މަދު ބަޔަކު މި ހަރަކާތުގައި ބައިވެރިވި ނަމަވެސް މިއީ އެތައް ބައެއްގެ ޙައްޤުގައި ކުރާ ކަމެއް ކަމަށެވެ.
އެގޮތުން ކައުންސިލުން އެ އިޙުތިޖާޖަށް އެކަށީގެންވާ ޖަވާބެއް ދެއްވަންދެން ހަރަކާތް ހުއްޓާ ނުލާނެ ކަމަށްވެސް އިހްތިޖާޖް ގެ ބައިވެރިން މިއަދު ވެސް ބުނެފައިވެއެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ ރައީސް ސައުދު ޢަލީ "ހުވަދޫ" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ތިނަދޫ ގައި މުޒާހަރާ ތަކާއި އިހުތިޖާޖު ކުރުން ފަދަ އެއްވުން ތައް އެއްވުން މަނާ ސަރަހައްދުތައް ކަނ ޑައަޅައި އާންމު ކޮއްފައި ވަނިކޮށް މިއަދު ކޮންމެވެސް ބަޔަކު ސިޓީ ކައުންސިލްގެ ކުރިމައްޗަށް އެއްވެ އިޙުތިޖާޖު ކުރި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ވީ ގޮތެއް ބެލުމަށްފަހު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
މިހާރު އެދިފައިވާ ފަރާތްތަކަށް ގޯތި ދިނުން އޮތީ ކިހާ ތާކުތޯ ސުވާލު ކުރުމުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް އަވަސް ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ ނޮވެމްބަރު ހިސާބުގައި ގޯތި ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
05 އޮކްޓޯބަރ 2023 ގައި ކުރި އިޢުލާނު ގައި ބުނެފައިވާ ތިނަދޫ ސިޓީގައި އެއްވެ އުޅުން މަނާ ސަރަހައްދުތައް:
ސަރުކާރުގެ މުއައްސަސާތައް (ސިޓީ ކައުންސިލްގެ އިދާރާ/ މެޖިސްޓްރޭޓް ކޯޓް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް/ ޖެންޑަރ އެންޑް ފެމިލީ ޔުނިޓް/ ހެރިޓޭޖް ފަދަ އިދާރާތައް)
ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތް ދޭ ތަންތަން
ޕޮލިސް ސްޓޭޝަން
ސުކޫލުތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތަކާއި ކެމްޕަސް ފަދަ ތަންތަން
ރައްޔިތުންނަށް އަސާސީ ހިދުމަތް ދޭ ތަންތަން (އިންޖީނުގެ/ ފެން ޕްލާންޓް/ ގޭސް ޕްލާންޓް/ ފަޔަރ ސްޓޭޝަން/ ޕެޓްރޯލް ޝެޑް/ ޕޯސްޓް އޮފީސް ފަދަ ތަންތަން)
ކުޑަކުދިން އެއްވެ އުޅޭ ސަރަހައްދުތައް (ކުޑަކުދިންގެ ޕާކް ފަދަ ތަންތަން)
އެހެންނަމަވެސް މިއެންގުމާއި ހިލާފަށް މިއަދު ތިނަދޫސިޓީ ކައުންސިލް އިދާރާގެ ކުރިމަތީގައި ވަނީ ބަޔަކު އެއްވެ މުޒާހާރާ ކޮށްފައެވެ.

