އިސްރާއީލުގެ އަނިޔާވެރިން ހައްދުފަހަނައަޅައި ގޮސް އިންސާނިއްޔަތުކަމުގެ ހުދޫދުން ވެސް ބޭރަށް އެ އަނިޔާވެރިކަން ފަހަނައަޅައި ދިޔަ ހިނދެވެ. އެބައިމީހުންގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނުގެ ޣައްޒާއަށް ފެން ނުދޭން ނިންމައި މުސްލިމުންނަށް ހިތްދަތި ވޭން ދިން ހިނދެވެ.
އެވަގުތު އެ އަނިޔާވެރިންގެ ނިންމުން ފެނަށް ވެގެން ދިޔައީ މާތްﷲ ސުބްހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އޯގާވަންތަވެރިކަމުން އިސްރާއީލުންގެ އިންސާނިއްޔަތު ކަމާ ހިލާފު މަގުސަދު ނައްތަވައިލެއްވީއެވެ. ފެނިގެން ދިޔައީ މި މޫސުމުގައިވެސް ނިންމި ޣައްޒާއަށް ބޯކޮށް ވާރޭ ވެހެން ފެށިތަނެވެ.
އިސްރާއީލުން ވަނީ ޣަައްޒާގެ ރައްޔިތުންނަށް ފެން ދިނުން ހުއްޓާލިކަން އިއުލާންކުރީ ހޯމަދުވަހުގެ ރެއެވެ. އެހެންނަމަވެސް މި އިއުލާނުގެ ހަބަރު ފެތުރުނުތާ މާގިނަ އިރުތަކެއް ނުވެ ޣައްޒާގެ ބޯމަތިން ނެގި ވިލާގަނޑު އުދަރެހުގެ ހަފަރާތުން ބައްދައިލުމާއެކު ވާރޭ ވެހިގަތެވެ. މިވާރޭ، ޣައްޒާގެ މުސްލިމުން ސިފަކުރަނީ ރަހްމަތެއްގެ ގޮތުގައެވެ. ރިޒްޤަކީ ﷲ ދެއްވާ އެއްޗެއް ކަމަށާއި ޔަހޫދީން ފެން ނުދިން ކަމުގައިވިޔަސް އެކަލާނގެ އިރާދަކުރައްވައިފިނަމަ ފެންވެސް އަދިއެހެން އެއްޗެހިވެސް ލިބޭނެކަމަށް ޣައްޒާގެ މީހުން ގަބޫލުކުރެއެވެ.
ޣައްޒާއަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެރަށަށް ވިއްސާރަކުރާނެއެވެ. އަދި ބުދަ ދުވަހުވެސް ޣައްޒާއަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.
ގާތްގަނޑަކަށް ދެމިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޣަައްޒާގެ މައްޗަށް ހަމާސްއިން ވެރިކަން ކުރަން ފެށުމުން، 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އޮންނަނީ އެއްގަމާއި، ކަނޑާއި އަދި ވައިގެ މަ އަެގުންވެސް ޣައްޒާ ބަންދުކޮށްފައެވެ. އަދި މިގޮތަށް އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮންނާތީ، ކަރަންޓާއި، ބޯފެނާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ތައުލީމު އުނގެނުމާއި، ޟަރޫރީ އެހެން ބޭނުންތައްވެސް ޣައްޒާގެ ރައްޔިތުންނަށް ފުދެން އޮންނަނީ އިސްރާއީލުން ދިން މިންވަރަކުންނެވެ.
ޣައްޒާގެ އެއްފަޅި ކަނޑުގެ އައްސޭރިއަށް ވާގޮތަށް އޮންނައިރު، ޣައްޒާގެ މަސްވެރިޔަކު މަހެއް ބާނަން ވިޔަސް، ވަކި ހިސާބަކަށްވުރެ ދުރަށް ނުކުމެއްޖެނަމަ ބަޑިޖަހައި މަރާލައެވެ. އދގެ ސެކްރެޓަރީ ޖެނެރަލްވެސް ޣައްޒާ ސިފަކުރައްވާފައިވަނީ، ޣައްޒާއަކީ “ދުނިޔެމަތީގެ އެންމެބޮޑު ޖަލު” ގެގޮތުގައެވެ.
އަޅުގަނޑުމެން މުސްލިމު އަހުންނާއި އުހުތުން އުޅެމުންދަނީ އިންތިހާއަށް ނިކަމެތި ހާލެއްގައެވެ. ހިތަށް ތަސައްވުރު ކޮށްލަންވެސް ފަސޭހަނޫން ހާލަތެއްގައެވެ. ކިތަންމެ އިމަޖެންސީއެއް ވިޔަސް، ޣައްޒާގެ ރައްޔިތަކަށް ޣައްޒާއިން ބޭރަށް، ފަލަސްތީނުގެ އެހެން ރަށަކަށް ނުވަތަ މިސްރަށްވެސް ދެވެނީ ވިސާއަށް އެޕްލައިކުރާ އުސޫލުން އެޕްލައިކޮށް، އިސްރާއީލުން ހުއްދަދިން ދުވަހަކުންނެވެ.

