މެލޭޝިޔާގެ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
ނިޔާވެފައިވާ ޒުވާނާއަކީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައ އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. މިއީ އެ ދަރިވަރުގެ ކޯހުގެ އެންމެ ފަހު އަހަރެވެ.
އެނގިފައިވާ ގޮތުގައި މިއީ އައްޑޫ ސިޓީ/ ހިތަދޫ ގަހާތަރީގެ 22 އަހަރުގެ އުމަރު އަހުމަދު ނައީމް ކިޔާ ޒުވާނެކެވެ. މިޒުވާނާގެ މަންމައަކީ އައްޑޫ ސުކޫލެއްގެ މުދައްރިސެކެވެ. މެލޭޝިއާގައި ހުރި ދަރިވަރަކު މައުލޫމާތު ދީފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގީ ރާއްޖޭގެ ގަޑިން ހަވީރު ހަތަރެއް ޖެހި އިރުއެވެ. މެލޭޝިއާ ގަޑިން ރޭގަނޑު 7:00އެއް ޖެހި އިރެވެ.

ނިޔާވި އުމަރު އަހްމަދު ނައީމް، 22 އަހަރު، އައްޑޫސިޓީ/ހިތަދޫ
އުމަރު އަހުމަދު ނައީމް ވެއްޓިފައި ވަނީ އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ 14 ވަނަ ފަންގިފިލާއިންނެވެ. އުމަރު އުޅެމުން ދިޔައީ ހަތްވަނަ ފްލޯގައިހުރި އެޕާޓްމަންޓެއްގައެވެ. ސާދަވަނަ ފަންގިފިލާއަށް އުމަރު ދިޔަ ސަބަބެއް އެނގިފައެއް ނެތެވެ. އަދި ވެއްޓެން ދިމާވި ސަބަބެއްވެސް އަދި ނޭނގެއެވެ.
މެލޭޝިއާ ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ. އަދި ނިޔާވި ޒުވާނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ހޮސްޕިޓަލަަށް ވަނީ ގެންދެވިފައެވެ.
މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ. އަދި މިހާދިސާއާ ގުޅިގެން އިތުރު މައުލޫމާތެއް ނުދެވޭނެ ކަމަށާއި އެހެންނަމަވެސް މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެމިނިސްޓަރީން ވިދާޅުވިއެވެ.

