ކުރިއަށް އޮތް ފަސް އަހަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާ އެކު ތިބޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެންޕީގެ މައި ޖަހަގައިގަ ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ 09 ވަނަ ބައްދަލުވުމުގައި، ކައުންސިލް މެމްބަރަކު، ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން ފާޅުކުރެއްވި ހިޔާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕީޕީއެމް ޕީއެންސީ އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއްކަން ފާހަގަކުރައްވައި އެމްއެންޕީ ގެ ރައީސް ކާނަލް ނާޒިމް ވިދާޅުވީ، މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ތިން ޕާޓީއިން އެކުގައި ވާދަކުރުމާއި ބެހޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ޑރ. މުހައްމަދު މުއިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވި 7 އިންސައްތަ ވޯޓު ލިބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެމްއެންޕީ އިންވެސް އެކަމަށްޓަކައި ގިނަ މަސައްކަތެއް ކޮށްގެން ކަމަށެވެ. އެހެންކަމަށްވުމުން ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ދެމެހެއްޓުމަށް އަދި ސަރުކާރު ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން، ކުރިއަށް އޮތް 5 އަހަރަށް އެމްއެންޕީން ދެއްވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެމްއެންޕީ އަކީ އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި، އެމްއެންޕީ އުފެދިގެން އައީ އެ އަސާސްތަކުގެ މައްޗަށް ކަމަށާއި، އެހެންކަމުން އެގޮތުގައި ދެމިތިތިއްބަވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީ އެއްގެ ކުރިމަގު ބިނާކުރުމަށްޓަކައި، އިންތިހާބީ މަގާމުތަކުގައި ވާދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ނާޒިމް ވިދާޅުވީ، އިންތިހާބުތަކުން ބަލިވުމަކީ ސިޔާސީ ޕާޓީއެއްގެ ކުރިމަގު ބަނަވުމެއްނޫން ކަމަށެވެ. ސިޔާސީ ޕާޓީއެއް ކުރިއެރުމަށްޓަކައި، އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ، އަދި އެހާމެ މުހިއްމު މަސައްކަތެއް ކަމުގައި ދެކިލައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމަށްވިޔަސް، ކުރިއަށް ހުރި ހުރިހާ އިންތިހާބެއްގައިވެސް އެމްއެންޕީ އިން ވާދަކުރެއްވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

