ދިވެހި ޕާސްޕޯޓު އޮންނަ ފަރާތްތަކުން އޮމާންއަށް ދަތުރުކުރުމުން އޮންއެރައިވަލް ވިސާ ލިބޭނެކަމަށް ބުނެ ދޮގުހެދީ އެގައުމުން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރާއްޖެއިން ވިސާއާ ނުލައި ދަތުރު ކުރެވޭ ގައުމުތަކުގެ ލިސްޓެއް އާންމުކުރި އިރު އޭގެ ތެރޭގައި އޮމާން ވެސް ހިމެނެ އެވެ. އަދި މި ފަހުން އެ ލިސްޓަށް ބަލައިގެން އެ ގައުމަށް ދަތުރުކުރި ދިވެހި އާއިލާއަކަށް ވަނީ ވިސާ ހަމަނުޖެހިގެން އެއާޕޯޓުގައި 12 ގަޑިއިރު ހިފެހެއްޓުމަށް ފަހު އަނބުރާ ފޮނުވާލައިފަ އެވެ.
އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި އެ ޝަކުވާތައް ކުރި އިރު ފޮރިން މިނިސްޓްރީން ވަނީ އޮމާން އަށް ވިސާ ހަމަޖެހޭނެ ކަމަށް ބުނެ އެ މިނިސްޓްރީން މީގެ ކުރިން ނެރެފައިވާ ބަޔާން ވެސް ޑިލީޓްކޮށްފަ އެވެ.
އެކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އޮމާން އިން ވިސާ ހަމަޖެހޭނެ ކަމަށްބުނެ މައުލޫމާތު ދިނީ އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް ދީފައިވާ މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
އެހެން ނަމަވެސް ފަހުން މައުލޫމާތު ލިބިފައި ވަނީ އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ އިތުރު ޝަރުތެއް ފުރިހަމަވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއީ އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުމާއި ހޮޓެލް ބުކިން އާއި ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މިއާއެކު ފޮރިން މިނިސްޓްރީން ވަނީ އޮމާންއަށް ދަތުރު ކުރަން ބޭނުންވާ ދިވެހިން ދުރާލައި ވިސާ ނަގައިގެން ދިޔުމަށް އެދިފަ އެވެ. އަދި ޝަރުތުތައް އުވާލައި އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދާކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

