ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެ، ސަހްޔޫނީ ޔަހޫދީން ހުއްޓުމެއްނެތި އެގައުމުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރީން އަންގައިފިއެވެ.
މިކަން އަންގާފައިވަނީ ލޯކަލް ގަވަމަންޓު އޮތޯރިޓީއާއި ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އިސްލާމިކް މިނިސްޓަރީން މިއަދު ފޮނުވި ސާކިއުލާއެއްގައެވެ.
އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގައި ދިނުމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
"ވީމާ އަޑުއަހަރުކޮށް، ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި މި ސާކިއުލާއާ އެއް ހީރަސް ކުރެވިފައިވާ ގުނޫތު ނާޒިލާ ކިއުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވައި ދެއްވުން އެދެމެވެ،" ސާކިއުލާގައި ބުނެފައިވެއެެވެ.
https://twitter.com/MVIaffairs/status/
ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން އަޑު ހަރުކޮށް ކިޔަވާ ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ދުއާ އެކެވެ.
ކޮވިޑް-19ގެ ހާލަތުގައިވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔައިފައެވެ.

