ފަލަސްތީނުގެ ޣާޒާގައި ހުރި ހަމައެކަނި އިންޖީނުގެއިން ތެޔޮ ހުސްވެ އިންޖީނުތައް ނިވިއްޖެއެވެ.
ބަންދުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރި ސަރަހައްދެއް ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުން މުޅި އަވަށްތައް ތަޅާލައި، ހޮސްޕިޓަލްތައް ވަނީ ބޭހާއި އެހެނިހެން ސާމާނުތައް ނެތި ހުސްވެ ހާލަށް ޖެހިފައެވެ. އެންމެ ފަހުން އެ ސަރަހައްދުގެ ހަމައެކަނި އިންޖީނުގެއިން މިހާރު ވަނީ ތެޔޮ ހުސްވެފައެވެ.
މިއަދު މެންދުރު ޣައްޒާ އިން އެއްކޮށް ކަރަންޓު ކެނޑޭނެ ކަމަށް ޣައްޒާގެ އެނާޖީ އޮތޯރިޓީން ބުނެފައި ވަނިކޮށް މުޅީ ޣާޒާއިން ކަރަންޓު ދިޔައީ ނުރަސްމީ ރިޕޯޓްތައް ބުނާ ގޮތުން ތެޔޮހުސްވެގެންނެވެ.
މިފަދަ ނިކަމެތި ހާލަތެއްގައި ފެނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ހުރިހާ އަސާސީ ހިދުމަތްތަކަކުން މަހުރޫމު ކޮށްފައި އޮތް ޣައްޒާގެ ރައްޔިތުން މިހާރު އެހޭދަ ކުރަން ޖެހުނީ ކަރަންޓާނުލައެވެ. މިހިތްދަތި ހާލަތުގައި އޮތް ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބަޔަކު މަސައްކަތްކޮށްފިނަމަ އެ އެހީ ހިފައިގެންދާ ގާފިލާތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް އިސްރާއީލުން ވަނީ ދީފައެވެ.
އިސްރާއީލުގެ މި ހައްދު ފަހަނައަޅާފައިވާ އަނިޔާވެރިކަމާއި ދެމުންގެންދާ ރަހުމެއް ނެތް އިންޒާރުތަކުން އެނގޭކަމަކީ އިސްރާއީލުންގެ ބޭނުމަކީ ޣައްޒާ ނައްތާލައި މުސްލިމުން ފަނާކޮށް ޝަހީދުކޮށްލުން ކަމެވެ.
ކުރިން ރިޕޯޓްތަކުން ވަނީ ބުނެފައިވާ ގޮތުގައި ޣައްޒާއިން ތެޔޮ ހުސްވެއްޖެނަމަ ހޮސްޕިޓަލްތަކުގެ ހިދުމަތް އެއްކޮށް ހުއްޓޭނެއެވެ. އަދި މިހާރު ހޮސްޕިޓާތަކަށް މިވަނީ ހިދުމަތް ދެވޭނެ ގޮތެއް ނެތިފައެވެ. އަދި މުޅި ޣައްޒާ ވެސް ކަރަންޓުން މަހްރޫމްވެގެންދާނެއެވެ. ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ގެންދަނީ ޣައްޒާއަށް ކާނާ އާއި ސިއްހީ ސާމާނު އެތެރެކުރެވެން ހުންނަ މަގުތައް ބަންދު ކުރަމުންނެވެ.
ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް، 2.2 މިލިޔަނެއްހައި ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ތެރޭގައި ބަންދުކޮށްގެން އިސްރާއީލުން އުޅޭތާ ދިގު ސޯޅަ ވަރަކަށް އަހަރުވެފައިވާއިރު އިސްރާއީލުން ދިޔައީ އިންތިހާއަށް ލާއިންސާނީ އަނިޔާތައް ވެސް އެމީހުންނަށް ދެމުންނެވެ. އިސްރާއީލުގެ މި އަނިޔާތަކަށް ކެތްނުކުރެވިގެން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ މުޖާހިދުން އިސްރާއީލަށް ހަމަލާދޭން ފެށީ މިމަހުގެ ހަތެއް ވީ ހޮނިހިރު ދުވަހުއެވެ.
އަދި އޭގެ ފަހުން އިސްރާއީލުން ފެންނަމުން ދަނީ ހިތަށް ސިފަކުރަން ވެސް ދަތިވާ ފަދަ އަނިޔާވެރި ބަދަލުހިފުކެވެ. އަދި ދެމުން ގެންދާ ހަމަލަތައް ވަރުގަދަ ކުރަމުން ގޮސް ޣައްޒާގެ ކަރަމާ ސަރަހައްދުގައި ވަނީ ފޮސްފަރަސް ބޮން ބޭނުންކޮށްގެން ހަމަލަދީފައެވެ. މިއީ އދ. އިން 1980 ވަނަ އަހަރުން ފެށިގެން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުން ކުރުން މަނާކޮށްފައިވާ ހަތިޔާރެކެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަމަރުކޮށްފައި ވަނީ ޣައްޒާ ސުންނާފަތި ވަންދެން ވައިގެ ހަމަލާތައް ދިނުމަށެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި އދ. އާއި އަރަބި ދުނިޔެ ވަނީ ނުކުޅެދިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުގެ 900 އަށްވުރެ މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 140 ކުޑަ ކުދިން ހިމެނެއެވެ. މިހާރުވެސް ދެފަރާތުން މަދުވެގެން 2،200 މީހުންގެ ފުރާނަ ގެއްލިފައިވާ މި ހަނގުރާމަ އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. އަދި ޣައްޒާގައި ދިރިއުޅޭ މީހުންގެ ނިކަމެތިކަން އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

