ކޮންމެ އިންސާނަކުވެސް ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި، އުފާވެރިކަމާއެކު އާއިލާއާއެކީ ދުނިޔޭގެ ދިރިއުޅުން ހޭދަކުރަން އުންމީދު ކުރާނެއެވެ. އެކަމަށްޓަކައި މަސައްކަތް ވެސް ކުރާނެއެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ އުފަލުގެ ހިނދުކޮޅު މަދުވެފައި ހިތްދަތިކަން ގިނަވަގުތު ތަހައްމަލު ކުރަން ޖެހޭ ހާލަތްތަކާ ކުރިމަތިވާ ބައެކެވެ.
އައްޑޫ ސިޓީގެ ހިތަދޫ ނަޝީދީގެ އަންސާރާ އަހުމަދު، އަންސާރާ އަކީ ވެސް މި ދެންނެވި ފަދައިން އުފަލާއި ހަމަޖެހުމުގެ ވަގުތަށްވުރެ ހިތްދަތިކަމާއި ގައިގައި އަޅަމުންދާ ވޭނަށް ކެތްކުރަން މަޖުބޫރުވެފައިވާ ތިންކުދިންގެ އެކަނިވެރި މަންމައެކެވެ.
ހަތްވަރަކަށް އަހަރު ކުރިން އަންސާރާ އުޅެމުން އައީ ނުހަނު އުފާވެރި، އެހާމެ މަޖާ، ހަމަޖެހޭ ދިރިއުޅުމެކެވެ. ފުރާވަރުގެ ދުވަސްވަރާއި ޒުވާން ވަމުން އައި ދުވަސްވަރު އަންސާރާއަކީ އަވަށުގެ އެންމެންގެ ގާތް މުޅި ހިސާބުގެ ރޫހެވެ. ކުޅިވަރު ކުޅުމާއި ކިޔެވުމާއި އަވަށުގެ ކުދިންނާއެކު އުފާވެރިކޮށް އުޅެމުން އައި އަންހެނެކެވެ. މިއަދުވެސް، އަދިވެސް އަންސާރާގެ ތާޒާކަމާއި އުފާވެރިކަން ދައްކަން އެހެންމީހުންނަށް ދައްކާ ހެވިފައި ހުންނަ މޫނަކަށް ބަދަލެއް ނާދެެވެ.
މީގެ ހަ އަހަރު ކުރިން ދެ ކިޑުނީ ފެއިލްވިކަން އަންސާރާއަށް އެނގުނީ އޭނާގެ ދިރިއުޅުން އެކަނިވެރި ވެފައި ވަނިކޮށް އިތުރު ވޭނެއްގެ ގޮތުގައި ހިތާމަވެރި ބިރުވެރި ހަބަރެއްގެ ގޮތުގައެވެ. ލަންކާގައި ހެއްދި ބައޮޕްސީއެއްގެ ނަތީޖާ އެފަދަ ހަބަރެއް ދީފާނެކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ. އާދަޔާހިލާފަށް ބަނޑުގައި ރިއްސުމާއި ވަރުބަލިވުމާއެކު ބޮލެއްގައި ނުފިލާ ރިހުމެއް ހުންނަ ފެށުމުން ވެސް އަންސާރާއަކަށް މާބޮޑު ކަމެއްކަމަށް ހިއެއްނުކުރެވުނެވެ. އޭރު އޭނާއަށް ބައޮޕްސީއަށް ފަހު ދިގުމުއްދަތަކަށް ކާން ދީފައި ހުރި ބޭސް ހުސްވުމަކާ ކައިރިވެއްޖެއެވެ. އާދައިގެ ޕެއިންކިލާ އަކުން ޕެނެޑޯލް، ޕެނެޑިން، ޑޮލޯއަކުން އޭނާގެ ބޮލުގައާއި ބަނޑުގެ ރިއްސުމަކަށް ބަދަލެއް ނައެވެ. ދެން ފެށީ ގައިގެ މަސްތަކުގައި ރިއްސާށެވެ. ކާހިތްނުވުމާއި ގައިގެ ހަންގަނޑު ހިކެން ފެށީއެވެ. ނޭވާލާން އުނދަގޫވުމާއި ނިދަން އުނދަގޫވާން ފެށީއެވެ. މޭނުބައިކޮށް ހޮނޑުލަވާގޮތް ވެފައި ހުރުމާއި ކުޑަކަމު ދިއުން ކައިރިކައިރީގައި އަވަސް ވާން ފެށީއެވެ.

އަންސާރާގެ ދިރިހުރުން ބަރޯސާވެފައި ވަނީ މި ހޮޅިތަކާއި މިމެޝިނަށް..،…ފޮޓޯ:ހުވަދޫނޫސް
އަންސާރާއަށް މިޖެހުނީ ކޮން ބައްޔެއްކަން ނޭނގޭފަދަ އެތައް އަލާމާތްތަކުގެ ތެރެއިން ބައެއް އަލާމާތްތަކަކީ އޭނާ ބިރުގަންނަވާލި ކަންކަމެވެ. އެއަލާމާތްތަކަކީ ކިޑްނީއާ ގުޅުން ހުރި ކަމެއްކަން އެނގުމާއެކު އަންސާރާ ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓުތަކުގެ ނަތީޖާ އަންސާރާއަށް ދިނީ ބިރުވެރި ހަބަރެކެވެ.
އެދުވަހުން ފެށިގެން ޑައެލެސިސް މެޝިނަކީ އަންސާރާގެ ހާއްސަ އެކުވެރިއަކަށްވެއްޖެެއެވެ. އާއެކެވެ.
އަންސާރާގެ ދެކިޑްނީވެސް ވަނީ ފެއިލްވެފައެވެ. އޮތް ހަމައެކަނި އުއްމީދަކީ ކިޑްނީ ބަދަކު ކުރުމެވެ. ކިޑްނީ ހަދިޔާ ކުރާނެ ފަރާތެއް ނެތްނަމަ ފަސްވަރަކަށް ހައެއްކަ ވަރަކަށް ލައްކަ ރުފިޔާއަށް ކިޑްނީ ގަންނަންވީއެވެ. އަދި ޑޯނަރ ގޮވައިގެން އެ އޮޕަރޭޝަން ކުރެވެން އޮތް ހިސާބަކަށް ގޮސް ޓްރާންސްޕްލާންޓް ހައްދަންވީއެވެ.
އަންސާރާގެ އާއިލާއެއްވެސް އޮވެއެވެ. ފުދުންތެރި، ރަށުގައި ނަންހިނގާ ގަދަރުވެރިންތަކެއް ތިބި އާއިލާއެކެވެ. އެހެނެއް ކަމަކު އަންސާރާއަކަށް ވީ ފައިދާއެއް ނެތެވެ. ކުދިންގެ ބައްޕަ އެކުދިންގެ ހަރަދުދިނުމަކީ އަންސާރާއަށް އޮތް ހަމައެކަނި ލުޔެވެ. ތިންކުދިންގެ ހަރަދުތަކާއި އަމިއްލަ ބޭސްފަރުވާގެ ހަރަދުތައް ކުރަމުން އަންނަނީ ހަމަ އަމިއްލަ މަސައްކަތުންނެވެ. ބަލިވެ ހާލުދެރަވެ ހުރެގެންވިޔަސް ކުދިން ސުލޫލަށް ލައި ހޯދުމާއި ޓިއުޝަނަށް ގެންގޮސް ގެނައުމާއި ގޭތެރެއާއި ކުދިންގެ ކަންތައް ކުރުމުގައި އެއްވެސް މީހެއްގެ އެހީއަކާ ނުލައި ކުރަމުންދަނީ ހަމަ އަންސާރާ އަމިއްލައަށް އެކަންޏެވެ.

އެދެމެދުން އޭނާގެ ބައްޔަށް މިވަގުތަކަށް ލިބެން އޮތް ހަމައެކަނި ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގޮސް އައިސް ވަނީވެސް އެކަންޏެވެ. ހަފްތާއަކު ތިން ދުވަހު ހައްދަމުން އަންނަ ޑައިލެސިސް ހަފުތާއަކު ހަތަރު ފަހަރަށް ބަދަލުވާވަރަށް މިހާރު އޭނާާގެ ހާލަތު ދަނީ ދަށްވަމުންނެވެ.
ޑައިލެސިސް ހެދުމަކީ މެޝިނެއްގެ އެހީގައި ނުވަތަ ސާޖަރީގެ އެހީގައި ބަނޑަށް ޓިއުބެއް ލައްވައި އޭގެ އެހީގައި ހަށިގަނޑުގެ ލޭ އެދެވޭ މިންގަނޑަކަށް ސާފުކުރުމެވެ. މިއީ ތަހައްމަލު ކުރަން ދަތި، އާދައަކަށް ވިޔަސް އިންތިހާއަށް ވޭން ހުރި ކަމެކެވެ. ޑައަލަސިސް ހަދާ ދުވަހުގެ ހަތަރުގަޑިއިރު މި ޕްރޮސެސްގައި ހޭދަ ކުރަން ޖެހެއެވެ. އަދި އެއަށްފަހު އެރެއާއި އަނެއް ދުވަސް ހޭދަކުރަން ޖެހެނީ ވަރުބަލި ކަމުގައެވެ. ހަމަ އަނެއްކާވެސް އޭގެ އަނެއްދުވަސް މި ފަރުވާ ހޯދަން ދާން ޖެހެއެވެ. އެހެންކަމުން މިއީ މެދުކެނޑުމެއް، އަރާމެއް، ނެތް ވޭންދެނިވި، އުނދަގޫދެނިވި ފަރުވާއެކެވެ.
އަންސާރާ އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭތޯ އެކިގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. އާއިލާގެ މާބޮޑު އެހީތެރިކަމެއް ނެތި، ތިންކުދިން ގޮވައިގެން، އަންސާރާ ދިރިއުޅެމުން އަންނަނީ ހިތްދަތި ދިރިއުޅުމެކެވެ. މިއަދު ދޮށީ ދަރިފުޅު އަށާރަ އަހަރު ވުމާއެކު މަންމައަށްޓަކައި ވަޒީފާ އަދާކުރަމުން މަންމައަށް އެހީވަމުންދާތީ ލިބޭ ކުޑަކުޑަ ހިތްހަމަޖެހުން ފިޔަވައި އެހެން އެއްވެސް އުފަލެއް އަންސާރާއަކަށް ނެތެވެ.
"ވަރަށް ދެރަވޭ، ރީތިކޮށް ހުންނާތީ މީހުން އަހާނެ ދެރައެއް ނުވޭހޭ، ކޮންމެރެއަކު ރޮއިގިސްލަނީ ކިހާވަރަކަށް ކަމެއް ނުފެންނަންޏާ ނޭނގޭނެ ނޫންތޯ! ބަލި ނޫނޭވެސް ބުނާ މީހުން ތިބޭ، އަޅުގަނޑު ރީތިކޮށް ހުންނަނީ ފިޓްވެގެނެއް ނޫން، ގައިގައި އަޅާ ވޭން ކޮންމެ ދުވަހަކު ކިޔައިދޭން އަބަދު ތަދުވޭ ރިއްސަނީ ކިޔަން ބޭނުން ނޫން،" އަންސާރާ ހުވަދޫނޫހަށް ކިޔައިދެމުން ބުންޏެވެ.
ހަތަރުއަހަރުވީއިރުވެސް ޑައެލެސިސްް ހަދަމުން، އަންސާރާ އެއަންނަނީ ކިޑުނީއަކަށް އާދޭސްކުރަމުންނެވެ. ނަމަވެސް މިއާދޭސްތައް އަހާނެ ފަރާތެއް ނެތެވެ. ރާއްޖެއިން ބޭރަށް، ދެތިން ފަހަރެއްގެ މަތިން ބޭސް ފަރުވާއަށް އަންސާރާ ދިޔައީ އަމިއްލަ ހަރަދުގައެވެ. އޭރު އެގޮތްމިގޮތުން ލިބުނު ދީލަތި އެހީތަކަށް އަންސާރާ ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. އެހެންނަމަވެސް ކިޑްނީއެއް ގަންނާނެހާ ފައިސާއެއް އޭނާއަކަށް ނުލިބުނެވެ. އެތައް ދުއާއަކާއި އެތައް އާދޭހަކާއި ހިތާމައަކަށްފަހު އަންސާރާއަށް ކިޑްނީއެއް ލިބުނެވެ.

ތިންކުދިންނާއެކު އަންސާރާ…..ފޮޓޯ:އަންސާރާ
ނަމަވެސް ނަސީބުދެރައެވެ. ޑޯނަރ ގޮވައިގެން ފުރޭނެ ގޮތްނުވެ ހުއްޓާ އެޑޯނަރ އެހެންމީހަކާއެކު ދިޔައީއެވެ. އަނެއްކާވެސް އެތައް ދުވަހަކަށްފަހު ޑޯނަރއެއް ލިބުނެވެ. އެފަހަރުވެސް ފުރައިގެން ދާނެ މަގުފަހިނުވެ، ޑޯނަރގެ އެހީތެރިޔާއާއި މިއެންމެންގެ ހަރަދަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން އެނަސީބު އަނެއްކާވެސް ބީވީއެވެ.
ކުދިންދެކެ އިންތިހާއަށް ލޯބިވާ އަންސާރާގެ އެންމެބޮޑު ކަންބޮޑުވުމަކީ، އަދި ހިތާމައަކީވެސް ކުދިންނާއެކު ހަމަޖެހިގެން އުޅެވޭނެ ދުވަހެއް ނުފެނި، ކުދިންގެ މުހިންމު ދުވަސްތައް ލޮލުން ނުފެނިދާނެތީއެވެ.
"ކޮންމެރެއަކު ނިދަނީ އަނެއްދުވަސް ނުފެނިދާނެކަމަށް ކުދިންނާ ވަކިވެދާނެ ކަމަށް ވިސްނަން އޮއްވާ، ކޮންމެ ދުވަހަކު ޑައެލެސިސްގައި އޮންނައިރު މިދެން ނިމުނީއޭ، ގެއަށް ނުދެވޭނެ ކަންނޭނގެއޭ، ކުދިންނާ ބައްދަލު ނުވާނެއޭ، މިކަހަލަ އެތައް ހިޔާލު އާދެ، ކުދިންނާ ވަކިިވާން ޖެހިދާނެތީ ވަރަށް ވަރަށް ވަރަށް ބޮޑަށް ދެރަވެ އަސަރުކުރޭ، ރޮވޭ،"
ނޫހަށް އޭނާގެ ވާހަކަތައް ކިޔައިދެމުންދިޔައިރު އަންސާރާއަށް ވާހަކަނުދެއްކި އަޑުބެދި ގިސްލެވުނު ކިތަންމެ ފަހަރެއް ދިޔައެވެ.
"ހުވަދޫ" ނޫހަށް އަންސާރާ ކިޔައިދިން ގޮތުގައި ދެފަހަރުގެ އެ ނާކާމިޔާބަށްފަހުވެސް އޭނާ އުންމީދު ކަނޑާނުލައެވެ. ރެޔާއިދުވާލު ﷲއަށް އިބާދާތްކުރުމުގައާއި ކިރިޔާވެސް އިތުރަށް ގޭގައި ބޭނުންކުރެވޭ ކަހަލަ އެއްޗެއް ހުއްޓަސް ނިކަނެތި ފަގީރުންނަށް ކާންދީ ވީވަރަކުން ސޮދަގާތްދީ ﷲއަށް ދުއާ ދެންނެވުމުގައި ވަގުތު ހޭދަކުރިއެވެ. އޭނާގެ ދުއާ އައްސަވައި އެތަކެއް އިންތިޒާރަށްފަހު އަންސާރާއަށް އުންމީދުގެ އަލިކަމެއް ހިފައިގެން ގާތް ފަރާތަކުން އަތުވެއްޖެއެވެ. ކިޑްނީއެއް ލިބުނީއެެ. އެހެނެއްކަމަކު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމާއި ގޮސް ހުރުމުގެ ހަރަދު ގެ ސުވާލުތައް އަނެއްކާވެސް އޭނާގެ ކުރިމަތީގައި އެނބުރެނީއެވެ.
މިފަހަރު އޭނާއަށް ލިބިފައިވާ ކިޑްނީ އަތުން ބީވެދާން އަންސާރާ ނޭދެއެވެ. ކުރީ ދެފަހަރު ދިމާވި ގޮތް ވާކަށް ބޭނުމެއް ނޫނެވެ.
ކުރީ ފަހަރުތަކުގައި ވީހެން، ކިޑުނީ ގެއްލި ނުދަނީސް، އަންސާރާގެ ޓްރާންސްޕްލާންޓަށް ރާއްޖެއިން ބޭރަށް ދިއުމަށް އެހީއަކަށް އެދި އަންސާރާ ކުރާ އާދޭސްތައް އަޑުއައްސަވާށެވެ. އެއްއިރެއްގައި އެތައް އުއްމީދުތަކަކާއެކު، އުފަލުގައި އުޅެމުން އައި އަންސާރާގެ ބަނަވެފައިވާ ހަޔާތަށް އަލިކަމެއް ގެނައުމަށް އެހީގެއަތެއް ދެއްވަވާށެވެ.
ތާއަބަދުމެ ވަރަށް ރީތިވެލައިގެން އަބަދުވެސް ނުހަނު ޗާލުކޮށް ހިނިތުންވެ ހުންނަ ކޮންމެ މީހަކާވެސް ހެވިފައި ބައްދަލުވެ ސަލާންކޮށް ރައްޓެހިކަމާއެކު ވާހަކަދައްކައި އުޅޭ އަންސާރާގެ ކިޑްނީ ޓްރާންޕްލާންޓަށް އެހީތެރިކަމެއް ފޯރުކޮށްދެއްޗާށެވެ. މިއީ މާދަމާގެ އިރުއަލުން ހަޔާތެއްގެ އާ ފަތިހަކަށް އަލިވިލިގެން ދިއުމަށް އެދި ކުރާ އާދޭހެވެ. ޑައެލެސިސްފަދަ ފަރުވާއަކަށް ބަރޯސާވެގެން ދިރިއުޅެމުން އަންނަ ތިންކުދިންގެ އެކަނިވެރި މައަކު ފަށްފަށުން ކުރާ އާދޭހެވެ.
އަންސާރާއަށް އެހީވުމަށް ފައިސާ ޖަމާ ކުރައްވާނީ:
-
MVR 7708505270101 އަންސާރާ އަހުމަދު
-
USD 7770000031521
-
އިތުރު މައުލޫމާތު ހޯއްދެއްވަށް ،7203911

