ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބޭއްވި "ދިވެހިންގެ ބޮޑު އެއްވުން" އެތައްހާސް ބަޔަކާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލައިފި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެންޕެއިންގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު އަލީ ވިދާޅުވީ، މިއީ ޤައުމީ ކެމްޕެއިނެއްކަމަށެވެ. ފަލަސްޠީނުގައި މިވަގުތު ކާބޯތަކެއްޗާއި ތެޔޮ، އަދި ފެނާއި ކަރަންޓުވެސް ކަނޑާލެވިފައިވާކަމަށާއި، މިވަގުތަކީ އިސްލާމީ އުންމަތުގެ ގޮތުގައި ދިވެހީން ތެދުވަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި، އިސްރާ އެސޯސިއޭޝަނާއި، މިހަރަކާތުގައި މިވަގުތު ބައިވެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ހުރިހާ ސިޔާސީ ޕާޓީތަކާއި، ހުރިހާ ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ކުދި ބޮޑު އެންމެހާ ފަރާތްތަކުން މި އެއްވުމުގައި ބައިވެރިވުމަށް އެދިފައެވެ.
އިސްރާ އެސޯސިއޭޝަނުންގެ ފަރާތުން ވާހަކަދައްކަވުން އާއިޝަތު ޝާދިއާ ވިދާޅުވީ، މި އެއްވުމުގައި ހުރިހައި ދިވެހި ކަނބަލުންވެސް އެމީހުންގެ ދަރިން ގޮވައިގެން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބުނީ ޣައްޒާއަށް އެހީވުމަށް އެ ޖަމުޢިއްޔާއިން ފެށި ކެމްޕެއިނަށް މިހާރު ގާތްގަނޑަކަށް 3 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާކަމަށެވެ.
އަދި މިއަދު ބޭއްވި ހަރަކާތުގައިވެސް ފަލަސްތީނުގެ އެހީތެރިވުމަށް އެދިފައެވެ.

މިވަގުތުވެސް 8 މަސްދުވަހަށް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި އެއްކުރެވިފައި އެބަހުރިކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިތުރު އެހީގެ ތަކެތި އެތެރެވެވޭނެ މަގެެއް ފެނިއްޖެނަމަ އެހިތެރިވެދެވޭނީ ދިވެހި ރައްޔިތުން މިކަމުގައި ތިބެގެންކަން އިންޓަނޭޝަނަލް އެއިޑް ކެންޕެއިނުން ވަނީ ބުނެފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި މީޑިއާތަކާއި، އައިއޭސީ ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ. މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

