2024 ވަނައަހަރަށް ދައުލަތް ހިންގުމަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50.6 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
އެމިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސްޓްރެޓެޖީ ރިޕޯޓްގައި ވަނީ، 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާކަމަށެވެ.
އެއީ މިހާރު ހިނގަމުންދާ އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެކެވެ.
އަންނަ އަހަރު ބަޖެޓުގެ ޚަރަދު 48 ބިލިއަނަށް އަރާނެކަމަށް ރިޕޯޓުގައިވެއެވެ. އަދި ރިކަރަންޓު ޚަރަދުގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދަކީ 14.9 ބިލިއަންކަމަށްވެސް އެ ރިޕޯތްގައި ލަފާކޮށްފައިވެއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.8 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތައެވެ.
އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4.5 ބިލިއަން ރުފިޔާގައިކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.9 އިންސައްތައެވެ. އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރާއިވެސް ދާދި އެއްވަރެއްކަމަށްވާ 111 ބިލިއަން ރުފިޔާގައެވެ.

