ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހީންގެ ދީލަތިއެހީގައި 5000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފި އެވެ.
އިސްރާޢީލުގެ ޖައްބާރު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު އަދި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން މިހާރުވަނީ ނުކުޅެދިފައެވެ.

އަދި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭން އެސަރަހައްދު ތަކަށްވަންނަ އުޅަނދު ތަކަށްވެސް ހަމަލާދޭނެ ކަމަށް އިސްރާއީލުގެ ސިފައިން ދަނީ ބުނަމުންނެވެ. މިހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތައްވެސް ވަނީ ނުފުދިފައެވެ.
މިފަހުން ދެމުންދިޔަ ހަމަލާތާކުގައި އަމާޒްކޮށްފައިވަނީ ޣައްޒާގެ އިންޖީނުގެތަކަށެވެ. އަދި ތެޔޮލިބުން ދަތިވެ ތެޔޮހުސްވުމުގެ ސަބަބުން ބައެއް ސަރަޙައްދު ތަކުންވަނީ ކަރަންޓް ކެނޑިފައި އެވެ. އަދި ސިއްހީ އެހީތެރިން ބޭނުންކުރަމުންދާ ވެހިކަލް ތަކަށްއަޅާނެ ތެޔޮވެސް ވަނީ ހުސްވެފައެވެ.
ފަަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ސަހްޔޫނީ ޔަހޫދީން އެޤައުމުގައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލިތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނަށް ތާޢީދުކޮށް މިއަދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު އެއްވުންތައް ބާއްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވަނީ ޣައްޒާ އެމަރޖެންސީ ރިލީފް ފަންޑު ހުޅުވާފައެވެ. މިފަންޑު މެދުވެރިކޮށް ދިވެހީންގެ އެހީގައި 5000 ލީޓަރުގެ ތެޔޮވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައެވެ.
– ތެޔޮ ހުސްވެގެން ކަރަންޓު ކެނޑިފައިވާ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އެޑްވާން ހޮސްޕިޓަލަށް ވަނީ 2000 ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައި.
– ޣައްޒާގެ އުތުރު ސިވިލް ޑިފެންސް (ރެސްކިއު) އުޅަނދުތަކަށް 1000 ލިޓަރ
– ޣައްޒާގެ އުތުރުގައި ހެލްތު މިނިސްޓްރީއާ ގުޅުންހުރި އެމްބިއުލާންސް ތަކަށް 2000 ލިޓަރ ގެ ފިއުލް ވަނީ ފޯރުކޮށްދެވިފައި.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. ޔަހޫދީ އިސްރާޢީލުން މިހާރު ވެސް ވަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 1,537 އަށް އަރައެވެ. އަދި، 6,612 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރާއި ޢިމާރާތްތަކަށެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ.

