ފަލަސްތީނުގެ މުސްލިމުން އުޅެމުންދާ ހާލުގެ މައްޗަށް ޓްރިއޯ ބޭންޑުގެ ކުރީގެ ލީޑް ވޯކްލިސްޓު މޫސާ ޝިފާއު ހާއްސަ މަދަހައެއް ތައްޔާރުކޮށްފި އެވެ.
ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއި ޣާޒާގެ މުސްލިމުންގެ ހާލަށް އަހުމަދު ރިފާއު ލިރިކްސް ހަދައި، އަބްދުލްއަލީމުގެ މެލޮޑީއަކަށް ޝިފާއު ކިޔާފައިވާ މި މަދަހައިގެ ނަމަކީ “ކަރުނަ” އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އުޅޭ ހިތްދަތި ހާލާއި، އެ ރައްޔިތުންގެ ހާލުގެ ދުލުން ކުރަމުންދާ އެތައް އާދޭހެއް މި މަދަހައިގައި ސާދާ އިބާރާތުން ކިޔައިދީފައިވެއެވެ.
އެތަކެއް މުސްލިމުން ޝަހީދުވެ ޒަހަމްވަމުންދާއިރު އެ އަހުންނާއި އުހްތުންގެ ވޭނާއި ތަދާއި ކެކުޅުން މުޅިއުއްމަތް ތަހަންމަލު ކުރަމުންދާކަން ބަޔާންކޮށްފައިވާ މި މަދަހައިގައި މިއީ މުސްލިމު އުންމަތް އެކަތިގަނޑަކަށްވާންވީ ވަގުތުކަމަށް ވަނީ ބުނެފައެވެ. އަދި އަނިޔާގެ މަންޒަރުތައް ބަލަން ނުތިބެ އުއްމަތް އެކުއެކީ ފަލަސްތީނާ އެއްކޮޅަށް ތެދުވެ މުސްލިމުން އެއަނިޔާތަކުން ސަލާމަތް ކުރުމަށް މަދަހައިގައި ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ ހާލުގެ ދުލުން ކިޔައިދޭ ވާހަކަ ޝިފާއުގެ އަސަރުހުރި އަޑުން ފަސްމިނެޓް ތެރޭ ސިފަކޮށްލަދޭ އެމަންޒަރުތަކުން ކުރާ އަސަރުން ހިތްތައް ފުރިގެން ލޮލުން ހިތިކަރުން އޮހޮރޭނެކަން ގައިމެވެ. މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުގެ އެއް ގުނަވަނުގައި ރިއްސައިފިއްޔާ މުޅި ހަށިގަނޑަށް އެވޭނުގެ އަސަރު ކުރާނެއެވެ. ވީއިރު ޣާޒާގެ މުސްލިމުން އެ އުފުލާ ވޭން އަހަރެމެންގެ ގައިގައި އަޅާނެކަން ގައިމުތާއެވެ.

