އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގެ ގޮތުގައި ޑރ މުއިއްޒު ދެއްވި އިންޓަވިއު ބެއްލެވުމަށް ފަހު ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ތަޢުރީފު ކުރައްވައިފިއެވެ. ޑރ މުއިއްޒު އިންޓަވިއުއެއް ދެއްވާފައިވަނީ އަލް ޖަޒީރާ ޗެނަލްގެ “ޓޯކް ޓު އަލްޖަޒީރާ” ޕްރޮގްރާމަށެވެ.
އެ އިންޓަވިއުއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު އިންޓަވިއުއާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ މުއިއްޒަށް ތައުރީފް ކުރަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އަލް ޖަރީޒާއަށް އިނގިރޭސި ބަހުން މުއިއްޒު ދެއްވި އިންޓަވިއު ބައްލަވާލައްވާފައިވާ ކަމަށާއި އެ އިންޓަވިއުއަކީ ވަރަށް ޝައުގުވެރި އިންޓަވިއުއެއް ކަމަށެވެ. އަދި ވެރިއެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރުމުގައި މުއިއްޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
25 މިނެޓްގެ އެ އިންޓަވިއުގައި ޑރ މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށެވެ.
ވަރަށް ގިނަ ބައެއް މިހާރުވެސް ބަލަމުން ދާ އެ އިންޓަވިއު ނިންމާލައްވަމުން ޑރ މުއިއްޒު ވިދާޅުވީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން ގާއިމުކުރައްވާ ސަރުކާރުވާނީ ސާފު ޖަވާބުދާރީވަނިވި ސަރުކާރަކަށް ވާނެ ކަމަށެވެ.

