ގއ ކަނޑުހުޅުދޫ ސީހޯސް ދޯނިން ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ކަމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން 2 ޓަނު މަހަށްވާ ފައިސާ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.
އިސްރާޢީލުގެ ޖައްބާރު ސިފައިންގެ އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއް ނެތް އެތައް ބަޔަކު މަރުވަމުންދާއިރު އަދި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން މިހާރުވަނީ ނުކުޅެދިފައެވެ.

އަދި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭން އެސަރަހައްދު ތަކަށްވަންނަ އުޅަނދު ތަކަށްވެސް ހަމަލާދޭނެ ކަމަށް އިސްރާއީލުގެ ސިފައިން ދަނީ ބުނަމުންނެވެ. މިހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތައްވެސް ވަނީ ނުފުދިފައެވެ.
މިހާލަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތައް ބާއްވަމުންނެވެ.
އެގޮތުން ގއ ކަނޑުހުޅުދޫ ގައި މަހަށްދުއްވާ ސީހޯސް ދޯނީގެ ފަޅުވެރިންގެ ފަރާތުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް 2 ޓަނުމަހަށް ވާ ފައިސާ ( 50,000 ) ރުފިޔާ ދިނުމަށް ނިންމާފައެވެ.
ސީިހޯސް ދޯނީގެ ކެޔޮޅު އަދި އޮޑިވެރިޔާ ރަޝީދު އަބްދުﷲ ހުވަދޫއަށް މައުލޫމާތުދިން ގޮތުގައި އެ ދޯނިން މިދިޔަ ހަފްތާގައި ބާނާފައި ހުރި 50 ޓަނު މަހުން ހަދިޔާ ކުރަން ނިންމީ 2 ޓަނުގެ މަހަށްވާ ފައިސާ ކަމަށެވެ. އަދި އެއީ ދޯނީގެ ހުރިހާ ފަޅުވެރިންގެ އިސްނެންގެވުމުގެ މަތިން ކުރަން ނިންމި ކަމެއް ކަމަށެވެ. މިފަދަ އެހީތެރިކަމެއް ދޯނީގެ ފަޅުވެރިންގެ ފަރާތުން ވެދިނުމަށް ނިންމުމަކީ އެއީ އެކަމަށްޓަކައި އަބަދުވެސް ފަހުރުވެރި ވާނޭކަމެއް ކަމަށެވެ.
2 ޓަނުގެ މަހަށްވަނީ 50000 ރުފިޔާ. މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް. ދޯނީގެ ފަޅުވެރިންނަކީ ނަމޫނާބައެއް- ސީިހޯސް ދޯނީގެ ކެޔޮޅު
ސީހޯސް ދޯނި ފާހަގަ ކުރެވިފައިވަނީ މިފަދަ ކަންކަމުގައި އަބަދުވެސް ރަށުގެ ރައްޔިތުންނަށްވެސް އެހީތެރިވާ ބައެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ރޯދަމަހެއްގައި ރަށުގެ ހުރިހާ ރައްޔިތުންނަށް އަދި ކޮންމެ ގެއަކަށް ކަނޑު މަސް ފޯރުކޮށްދެއެވެ
އެންމެ ފަހުން ނިމިދިޔާ ރޯދަމަހުގައި އެދޯނިން ބާނާފައިވާ 4 ޓަނުގެ މަސް ވަނީ ރައްޔިތުންނަށް ބަހާފައެވެ. މިހާރުގެ އަގުން ނަމަ 4 ޓަނުމަހަކީ 100000 ( އެއްލައްކަ ރުފިޔާ ) އެވެ.

