ޣައްޒާގެ ވަށައިގެން އިސްރާއިލް ސިފައިން ދެމުންދާ ހަމަލާތަކުގައި ގިނައަދަދެއްގެ ބަޔަކު ޝަހީދުވެ، ކުޑަކުދިންނާއި އަންހެނުންނަށް ބޮޑެތި ޒަހަމްތަކެއް ލިބުމުންވެސް އިސްރާއިލް ސިފައިން ދޫނުކޮށްމިހާރު ޣައްޒާގެ ވަށައިގެން ތިބެ ހަމަލާދޭންފަށައިފިއެވެ.
އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ އެތައް ކަމަކުން މަހްރޫމްވެފައެވެ. ކާބޯތަކެއްޗާއި ކަރަންޓު ވެސް ނުލިބެއެވެ. ޣައްޒާގައި ސަލާމަތްތެރިކަމާ އެކުގައި ތިބެވޭނެ އެއްވެސް ދިމާލެއް ނެތެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ދަނީ ޣައްޒާގެ ކޮންމެ ހިސާބަކަށް ވެސް ބޮން އަޅައި ގެއްލުންތައް ދެމުންނެވެ.
ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ ޣައްޒާ އިން 2،670 މީހުން ޝަހީދުކޮށްލައިފައެވެ. މިއާ އެކު، ޒަހަމްވި މީހުންގެ އަދަދު ވަނީ 9،600 އަށް އަރައިފައެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،300 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.
އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 369 މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ސީރިއަސް އިރު، 191 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި 89 މީހަކަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

