ޗިއާ ސީޑަކީ ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށް، ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، ބަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ، ގިނައިން ފައިބަރ ހުންނަ ފައިބަރަށް ހާއްސަ ބާވަތެކެވެ. ފައިބަރ ހަޖަމުކުރަން ގިނަ ވަގުތު ނަގާއިރު އޭގެއިން ހިތްހަމަޖެހުން ލިއްބައިދެއެވެ. އަދި މިއީ ބަރުދަން ލުއިކޮށްދީ ހަކުރު ބަލި ނުވަތަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.
ޗިއާ ސީޑްސް ކިތަންމެ ކުދިކޮށް ހުރި ނަމަވެސް މި ސީޑް މަޝްހޫރުވެފައި ވަނީ ވަރަށް ގިނަ ނިއުޓްރިއަންޓްސް އިން މުއްސަނދި ބާވަތެއްގެ ގޮތުގައެވެ. އަދި މީގައި ޒަމާނުއްސުރެ ސިއްހީ ގޮތުން ލިބޭ ފައިދާތައް ގިނަ ކަމަށް މަޝްހޫރެވެ.
ޗިއާ ސީޑުގައި ހިމެނޭ ނިއުޓްރިއަންޓްސްގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުވެ، ކަށިތައް ވަރުގަދަވެ، ލޭގައި ހަކުރު މެނޭޖްކުރުން ރަނގަޅުކޮށްދެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން 100 ގްރާމް ޗިއާ ސީޑްސް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް ފައިބަރު ކެއުމުގެ 34 އިންސައްތަ ފުރިހަމަވެ، ބަނޑުގެ ފެޓް މަދުކުރުމަށް މަގުފަހިވެގެންދެއެވެ.
ގިނައިން ފައިބަރު ކެއުމަށް އާދަވެފައި ނުވާނަމަ، އެއް ސިޓިންގައި މާގިނައިން ޗިއާސީޑް ކެއުމުން ހަޖަމުކުރުމަށް މައްސަލަތައް ދިމާވެއެވެ. އަދި ފަލަވުން ނުވަތަ ބޭރަށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވެދާނެއެވެ. އާންމުމީހަކަށް ދުވާލަކު ދެ ފަހަރު 0.7 އައުންސް (20 ގްރާމް ނުވަތަ ގާތްގަނޑަކަށް 1.5 މޭޒުމަތީ ސަމުސާ) ޗިއާ ސީޑް ބޭނުން ކުރުން އެދެވިގެންވެއެވެ.
މީގެ އިތުރުން ޗިއާ ސީޑްސް އަކީ ވަރަށް ގިނަ ރެސިޕީތަކުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ޗިއާ ޕުޑިން އަކީ އެންމެ ސިއްހަތަށް ފައިދާ ހުރި އެއް ނާސްތާ އެވެ. މިއީ ކްރީމީ، ހިތްހަމަޖެހޭ އަދި ޕްރޮޓީން، ފައިބާ އަދި އޮމެގާ-3 އިން ފުރިގެންވާ ޕުޑިންއެކެވެ.
ޗިއާ ޕުޑިން ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހައެވެ. ޗިއާސީޑާއު ކިރު ތަށްޓަކަށް އަޅައިގެން އެއްކޮށްލާށެވެ. ޖޯޑެއްގެ ކިރަށް ރަނގަޅީ 3-4 ސަމުސާ ޗިއާސީޑެވެ.
ބޭނުމިއްޔާ މާމުއިކޮޅެއް އެއްކޮށްލާށެވެ. ނުވަތަ މޭޕަލް ސިރަޕްފޮދެއްވެސް އެއްކުރެވިދާނެއެވެ. އެކަމަކު ބައިސަމުސާ ވަރުގެ އެތިކޅެކެވެ.
ރަނގަޅަށް އެއްކޮށްލުމަށްފަހު މަތި ބަންދުކޮށް، ގަޑި ނުވަތަ ދެ ގަޑިއިރު ވަންދެން ފްރިޖުގައި މި މިކްސްޗަރ ބަހައްޓާށެވެ.
އެއަށްފަހު ތަށި ނަގައި ތާޒާ މޭވާ، ސްޓްރޯބެރީ، ކިވީފަދަ ކޮންމެވެސް ވައްތަރެއް ކޮށާފައި މަތީގައި ފަތުރާލާށެވެ
މިހާރު އެހެރީ ހެނދުނުގެ ނާސްތާ ތައްުޔާރަށެެވެ. އާ ދުވަހެއްގެ ކާމިޔާބީއަށް ޗިއާޕުޑިން އަކީ އެއްވަނައިގެ ނާސްތާއެކެވެ

