ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޤުރުއާން ތަފްސީރު ކުރައްވައި ދިވެހިން ލިޔުއްވި ފޮތް ބާޒާރަށް ނެރެފިއެވެ.
ފޮތާ ގުޅޭގޮތުން ފަނޑިޔާރު މަހާޒު އޭނާގެ އަމިއްލަ ބްލޮގް ގައި ވިދާޅުވެފައިވަނީ މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށް ކަމަށާއި، ކޮންމެ ފަސް ފޮތަކީ ވޮލިއުމެއް ކަމަށެވެ. އަދި ފުރަތަމަ ވޮލިއުމަކީ 444 ސަފުހާގެ ވޮލިއުމެއް ކަމަށެވެ.
ރާއްޖެ އިސްލާމީ މުނާސަބު ދުވަހާ ދިމާކޮށް ފަނޑިޔާރު މަހާޒު ގެ ނެރުއްވި “ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު”ގެ ފުރަތަމަ ވޮލިއުމް މިއަދު ފެށިގެން މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން ލިބެން ހުންނާނެއެވެ. މި ފޮތުގެ އަގަކީ 390 ރުފިޔާއެވެ.
“ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރު. ޢަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިން. އެއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށް. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ވެސް މެ” މަހާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަފްސީރުގައި ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔެފައި އެ ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން ކަމަށާއި ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ ޢިބާރާތް ބޭނުން ކުރުމަށް ބާރު އެޅާފައިވާނެ ކަމަށެވެ.
މަހާޒްގެ ބްލޮގްގައި މި ފޮތާ ބެހޭގޮތުން ވިދާޅުވީ އެންމެ ފުރަތަމަ މި ތަފްސީރު ލިޔަން ފެށީ 2016 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލުގައި އިނދެ ކަމަށެވެ.

