ގާޒާގެ ހޮސްޕިޓަލަކަށް އަމާޒުކޮށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއެެއްގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ގާޒާގެ ބެޕްޓިސްޓް ހޮސްޕިޓަލްގެ ގޯތިތެރެއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
އިޒްރޭލުން ވަނީ މިހަމަލަ ދިނީ އެމީހުން ކަމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. އަދި އިޒްރޭލުން ބުނެފައި ވާގޮތުގައި މިއީ ހަމާސްއިން އިޒްރޭލަށް ދިން ހަމަލައެއް ކަމަށާއި މިހަމަލަ ނުސީދާވެ ޣާޒާގެ ހޮސްޕިޓަލަށް އަމާޒުވީ ކަމަށެވެ. އިޒްރޭލުން ވަނީ މިހަމަލައަކީ ޣައްޒާއިން ދިން ހަމަލައެއްކަން ހާމަކުރުމަށް ވީޑިޔޯތަކެއްވެސް ހަދައި އާންމުކޮށްފައެވެ. ނަމަވެސް ފަހުން މިވީޑިޔޯތައް ވަނީ ޑިލީޓްކޮށްލާފައެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، އިޒްރޭލުން ގާޒާ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ. ހަމަލާ ތަހުގީގު ކުރަން ޖެހޭ ކަމަށް ގޮވާލައްވައި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ވަތުތުން ތަނަވަސް ވާން ޖެހޭކަމަށްވެސް އެމަނުއެލް މެކްރޯން ވަނީ ގޮވާލައްވާފައެވެ،
ގާޒާގެ ހޮސްޕިޓަލަށް ދިން މި ހަމަލާ މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. މިހަމަލައާ ގުޅިގެން ސީސީ ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނާ ސީދާ ހިލާފުވެއްޖެކަމަށެވެ.

ހޮސްޕިޓަލަށް ރޭ ދިން ހަމަލާގައި ޒަހަމްވި މީހަކަށް ފަރުވާދޭން ގެންދަނީ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ ގާޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާ އިން ކަމަށެވެ.
"ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އެމެރިކާ އަށް އުފުލަން ޖެހެނީ އިޒްރޭލުގެ ހަމަލާތަކަށް ހިތްވަރުދޭތީ،" ހަނިއްޔާ ވިދާޅުވި އެވެ.
ހަނިއްޔާ އިތުރަށް ވިދާޅުވީ މި ހަމަލާގެ ސަބަބުން އިޒްރޭލުގެ އަނިޔާވެރިކަމާއި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު އިޒްރޭލް "ބަލިވި މިންވަރު" ކަށަވަރުވެފައިވާ ކަމަށެވެ.
މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލުގެ އެތެރެއަށް ހަމާސް ޖަމާއަތުން ދިން ހަމަލާގައި 1،400 އަށް ވުރެ ގިނަ މީހުން ޝަހީދުވި ފަހުން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 3،000 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ރެއަކީ މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ދިން ރެ އެވެ.

