މިހާރު އިސްރާއީލުން ފަލަސްތީނަ ދެމުންދާ ޙަމަލާތަކުގައި ސުންނާފަތިވެ ، ފަލަސްތީނަށް އެހީވުމަށް ވިމެންސް އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ (ވީޓް) އިން ތިނަދޫ ސިޓީގައި ބެހެއްޓި ފަންޑު ފޮއްޓަށް ބައިލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެފިއެވެ.
ވީޓް ގެ ރައީސާ މައުސޫމާ އަލީ ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަލަސްތީނަށް އެހީވާން ތިނަދޫ ސިޓީ ގެ އެކި ސަރަހައްދު ތަކުގައި ފަންޑު ފޮށި ބަހައްޓައި 4 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހަވީރު ޖަމްޢިއްޔާގެ މެމްބަރުން ހަރަކާތްތެރި ވެފައިވާ ކަމަށާއި އެގޮތުން އިއްޔެ އަކީ ފަންޑު ފޮއްޓަށް ފައިސާ އެޅުމަށް ހިންގި ހަރަކާތުގެ ފަހު ދުވަސް ކަމަށެވެ.

މައުސޫމާ ވިދާޅުވީ މިހާތަނަށް 50,000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އޮންލައިން ކޮށް ފައިސާ ޖަމާ ކުރުން ހުޅުވާލާފައިވާ ކަމަށާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީ އާއި އެއްބާރުލުން ފާހަގަކޮށް ޝުޢޫރު އަދާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫ ސިޓީ ގައި ހަރަކާތްތެރިވާ ވީޓް ޖަމްޢިއްޔާ އިން ބުނީ ފަލަސްތީނަށް އެހީވުމަށް ފަންޑް ހޯދުމަށް ކުރި 4 ދުވަހުގެ މަސައްކަތުން ލިބުނު ފާއިސާ ޚިދުމަތް ޖަމިއްޔާ އާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ.
ފަލަސްތީނަށް އެހީ ވުމަށް ތިނަދޫ ސިޓީ ކައުންސިލްގެ އިތުރުން އެހެނިހެން ފަރާތްތަކުންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

