ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވާން ތިން ފުރުސަތު ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ދެ ގަޑިއިރުގެ ބަހުސެއް މި މައްސަލައިގަ ކުރުމަށެވެ. އަދި ބަހުސް ފެށުމުގެ ކުރިން ، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް ފުރުސަތު ދިނުމަށެވެ. އެއިން ކޮންމެ ފުރުސަތެއްގެ ދިގުމިނަކީ 10 މިނެޓެވެ.
މި އުސޫލުން ރައީސް ނަޝީދަށް 30 މިނެޓު ދޭން މިއަދު މަޖިލީހުގެ އާންމުކޮމެޓީން ވަނީ ފާސްކޮށްފައެވެ. ހުށަހެޅުން ފާސްކުރީ ހާޒިރުވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ތާއީދާއެކުއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނަޝީދު މަގާމުން ދުރުކުރަން ހުށަހެޅީ 48 މެމްބަރުންގެ ސޮޔާއެކުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ގިނަ ދުވަސްތަކަކަށް ފަހު މައްސަލަ އަނބުރާ ނެގީއެވެ.
މި ފަހަރު ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ރައީސް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެންކަމަށެވެ.
“ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް މަޖިލީހުގެ ރައީސް މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް،” އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގަ ބުނެފައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ހުއްޓާލާފައި އޮތުމަށްފަހު، އެމަނިކުފާނުގެ ޕާޓީގެ މަސްލަހަތު އޮންނަ ކަމެއް އެޖެންޑާކުރިކަމަށް ވެސް އެ މައްސަލައިގަ ބުނެފައިވެއެވެ.
8 މެއި 2019 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 67 ވޯޓްގެ އަގުލަބިއްޔަތަކުން މަޖިލިސް ރައީސް ކަމަށް ވަޑައިގެންނެނެވީ ރައީސް ނަޝީދެވެ. ނަޝީދާ ވާދަކުރެއްވު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

