އިޒްރޭލުން ދެމުން ގެންދާ ހަމަލަތައް ހުއްޓާލާ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ހުށަހެޅުން އެމެރިކާއިން ވީޓޯ ކޮށްފިއެވެ.
ބްރެޒިލުން ހުށަހެޅި މި ހުށަހެޅުމުގައި ބުނެފައިވަނީ، ހަމާސާއި އިޒްރޭލުން ހަމަލަ ހުއްޓާލާ، ވެރިވެގަނެފައިވާ ހުޅަނގު އައްސޭރިން އަދި މިސްރު މަގުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
މިއަދުގެ ސަލާމަތީ ކައުންސިލަށް ހާޒިރު 15 މެންބަރުންގެ ތެރެއިން 12 މެންބަރަކު ބްރެޒިލްގެ ހުށަހެޅުމަށް ތާއީދުކުރިއިރު ވަކި ކޮޅަކަށް ވޯޓު ނުދޭން ދެ ގައުމަކުން ނިންމި އެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކޮމިޓީއިން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.
އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބުނި ގޮތުގައި އެ ގައުމުން މިއަދުގެ ހުށަހެޅުމަށް ވޯޓު ނުދިނީ، ލިޔުމުގައި އިޒްރޭލަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ބާރު އޮންނާނެ ކަމުގެ ވާހަކަ ނެތުމުން ކަމަށެވެ.
އިއްޔެވެސް އދ. ގެ ސަލާމަތީ ކައުންސިލަށް ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް ރަޝިއާއިން ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުންވެސް އެމެރިކާއިން ބޭރުކުރީ ހަމާސްގެ ހަމަލާތައް ކުށްވެރިކޮށްފާ ނުވާ ކަމަށް ބުނެ އެވެ.

