ގާޒާގެ ހާލަތު އިންތިހާއަށް ގޯސްވެ، އިންސާނީ އެހީއަށް ނިހާޔަތަށް ބޭނުންޖެހިފައިވާ ހާލުގައިވެސް އެއްބަސްވެވުނީ ވިހި ލޮރީގެ ޒަރޫރީ އިންސާނީ އެހީ ގާޒާއަށް ވެއްދުމަށް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.
މިސްރު ފަޅިން ރަފާ ބޯޑަރު ގޭޓުން އިންސާނީ އެހީ ވެއްދުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ރޭގައި އިޒްރޭލުން އިއުލާނުކޮށްފައިވާއިރު ބައިޑަން ރޭގައި ބުނެފައިވަނީ އެކަމާއި ގުޅޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އެލް- ސީސީއާއެކު ކުރެވު މަޝްވަރާތަކުގައި ވިހި ލޮރީގެ އެހީ އެތެރެކުރަން ފުރުސަތު ދޭން އެއްބަސްވެވިފައިވާ ކަމަށެވެ.
އެ ފުރުސަތު ދޭން ދެ ފަރާތުން އެއްބަސްވި ނަމަވެސް އެކަން ފެށޭނީ ހުކުރު ދުވަހު ކަމަށްވެސް ބައިޑަން ވަނީ ބުނެފައެވެ. ސަބަބަކީ ބޮން އެޅުމުގެ ސަބަބުން މަގު ހަލާކުވެފައިވުމުން އެކަން ހައްލު ކުރަން ވަގުތު ބޭނުން ވުމެވެ.
މިސްރުން ކުރިން ބުނެފައިވަނީ އެ ފަޅިން އެއްވެސް އިރެއްގައި އެ ބޯޑަރު ގޭޓު ބަންދު ނުކުރާކަމަށެވެ.
އެހެން ނަމަވެސް އިޒްރޭލުން އެ ސަރަހައްދަށްވެސް ބޮން އަޅަމުންދާތީ ގާޒާއާއި ވީ ފަޅިން އޮޕަރޭޓް ކުރުން ހުއްޓިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ކޮންމެއަކަސް މާދަމާ ޒަރޫރީ އިންސާނީ އެހީގެ 20 ލޮރީއަށް ފުރުސަތު ދޭން ނިންމާފައިވާއިރު ގާޒާގެ ހޮސްޕިޓަލުތަކުން ޒަރޫރީ ބޭސްތައް އަންނަނީ ހުސްވަމުންނެވެ. ކަރަންޓު ދިނުމަށްޓަކައި ތެލެއް ނެތްއިރު ފެނާއި ކާބޯތަކެތީގެ ސްޓޮކްވެސް ދަނީ މަދުވަމުން ހުސްވަމުންނެވެ.

