ގާޒާގެ އެތެރެއަށް ވަދެގަތުމަށް ތައްޔާރަށް ތިބުމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓު އެގައުމުގެ ފައުޖުތަކަށް އަންގައިފިއެވެ.
ގާޒާ މިހާރު ފެންނަނީ ތަންކޮޅެއް ދުރުން ނަމަވެސް ދާދި ކައިރިން އަދި އެތެރެއިން ގާޒާ ފެނުމުގެ ފުރުސަތު ދާދި އަވަހަށް ލިބޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓު ވަނީ ފައުޖުތަކަށް އަންގާފައި ކަމަށް ހަބަރުތައް ބުނެއެވެ.
“ކޮމާންޑު އަންނާނެ” ގަލަންޓުގެ އޮފީހާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ގަލަންޓް މިހެން ވިދާޅުވެފައި މިވަނީ އިސްރާއީލުން ވަށާލާފައިވާ އެންކްލޭވްއަށް އެއްގަމު ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެ އޯޑަރު ވެގެންދާނީ ގާޒާގެ ތެރެއަށް ބިމުގެ މަގުން އިޒްރޭލު ސިފައިންގެ ފައުޖުތައް ވަދެގަންނަ އޯޑަރަށެވެ. އެ އޯޑަރަށް ތައްޔާރުވުމަށް އިޒްރޭލު ސިފައިންގެ ފައުޖުތަކާއި ހަނގުރާމަމަތީ އުޅަނދުތައް ވަނީ ގާޒާ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފައެވެ.
މުރާސިލުން ބުނާގޮތުގައި ބިމުގެ މަގުން ވަދެގެންފިނަމަ އިޒްރޭލުން ހަނގުރާމައިގެ އެތައް އެތައް ޖަރީމާއެއް ހިންގާނެއެވެ. އަދި ކުށެއް ނެތް އެތައް އެތައް ބަޔަކު މަރާނެއެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާޒާއަށް ބޮމުގެ ހަމަލާތައް ވަރުގަދަވެ، ފަލަސްތީނުގެ ހަތް މީހަކު ދާދި ދެންމެއަކު ވަނީ ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލުން ގާޒާއަށް ވަދެގަންނަން ތައްޔާރުވަމުން އަންނައިރު ދުނިޔޭގެ ދެ ބާރު ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އެ ދެ ގައުމުގެ ލީޑަރުން އިޒްރޭލަށް ގޮސް އެ ގައުމުތައް އޮތީ އިޒްރޭލާ އެކުގައިކަން ފާހަގަކޮށްފައެވެ.
މިވަގުތު އުރުދުންގެ ބޮޑުވަޒީރު ހުންނެވީ މިސްރުގެ ރައީސާއެކު ސިއްރު ބައްދަލުވުންތަކެއްގައި މިސްރުގައެވެ. މަޝްވަރާ ކުރަނީ އިޒްރޭލު ހުއްޓުވާނެ ގޮތަކާމެދުގައި ކަމަށް އުރުދުންގެ ރޯޔަލް ހައި ކޯޓުން ވަނީ ބުނެފައެވެ.

