ވަރަށް ލޯބިވެގެން ރޭވުންތައް ރާވައި ހޯދުންތައް ހޯދައިގެން ޒަވާޖީ ހަޔާތެއް ފެށި ޒުވާން ދެމަފިރިއެކެވެ. ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތުގައި އަވަދިނެތި އުޅޭ ދެމީހުންނަށް، ކައިވެންޏަށް އަހަރުވީތަނާ ލިިބުނު އެމީހުންގެ އިން ހަމައެކަނި ދަރިފުޅަށްޓަކަައިވެސް ފައިސާ ހޯދުމަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައިރު، ގޭތެރެއާއި ދަރިފުޅުގެވެސް ހުރިހާ ކަމެއްހެން އެންމެ ފެންވަރު ރަނގަޅަށް ބެހެއްްޓުމަށް ފެން ފަދައިން ފައިސާ ހޭދަވެސް ކުރަމުންނެވެ.
6 އަހަރުގެ ދަރިފުޅު ސްކޫލަށް ފޮނުވަން މީހަކާ ހަވާލުކުރުމުން ދިމާވި ހާދިސާ ހިތަށް ތަސައްވުރު ކުރާކަށް ފަސޭހައެއް ނޫނެވެ. އެކަމަކު ހަގީގަތަކީ މިއީ ހަަމަ ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އަޑުއަހާލަން ކިޔާލަން މުހިންމު ވާހަކައެކެވެ. މީހަކަށް އިތުބާރުކޮށް 6 އަހަރުގެ ދަރިފުޅު ސްކޫލަށް ލާން ފޮނުވި ދެމަފިރިންނަށް ލިބުނު ފިލާވަޅަކީ މިއަދު އަހަރެމެންގެ ތެރޭގައި ކޮންމެ ބެލެނިވެރިއަކަށް މުހިއްމު މެސެޖަކަށް ވާނެކަން ޔަގީނެވެ.
އެ ކުއްޖާ ކޮންމެ ދުވަހަކު ސްކޫލަށް ދާން ގެއިން ނިކުންނަނީ ސްކޫލަށް ދާންޖެހޭ ވަގުތަށް ވުރެ މާ ކުރިން ކަމަށް އެ ކުއްޖާގެ މަންމަ ބުނެއެވެ. އެގޮތުން އެކުއްޖާ ސްކޫލަށް ލައިދޭ ފިރިހެނަކު އަންނަ ކަމަށާއި އެ ގޮތަށް ހަމަޖައްސާފައި ވަނީ އެ ދެމަފިރިން ވަޒީފާގައި ބިޒީވެ އުޅޭތީ ކަމަށް އެ ކުއްޖާގެ މަންމަ ބުނެއެވެ. ކޮންމެ ދުވަހަކު ހެނދުނު 7:00 އާއި 7:15 އާ ދެމެދު އެ ކުއްޖާ ގެއިން ނިކުންނަ އިރު ކުއްޖާގެ މޫނުމަތިން އެ މަންމައަށް އާދަޔާ ހިލާފް އެއްވެސް ކަމެއް ނުފެންނަ ކަމަށް އެ މަންމަ ބުނެއެވެ.
ނަމަވެސް އެ ކުއްޖާގެ މުދައްރިސް އަށް ފާހަގަވި ކަންކަން ހިއްސާ ކުރުމުން އެ މަންމަގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. އެ ކުއްޖާ ސްކޫލަށް އަންނަނީ 8:30 ހާއިރު ކަމަށާއި އެ ކުއްޖާ ސްކޫލަށް އަންނަ އިރު ހުންނަނީ ރޮވި، ފެންކަޅި ވެފައި ކަމަށާއި ނަމަވެސް އެއީ ސްކޫލަށް ނުދާން ބޮޑާ ހާކާ ކުދިންވެސް އުޅޭތީ އެފަދަ ކަމެއްގެ ގޮތުގައި ޓީޗަރަށް ގަބޫލު ކުރެވުނު ކަމަށް ބުނެއެވެ. އެ ދުވަހުވެސް ސްކޫލަށް ދިޔަ އިރު އެ ކުއްޖާ ރޮވިފައި ހުރުމުން ސުވާލު ކުރީ ކަމަށް ޓީޗަރު ބުނެފައި ވެއެވެ.
އެ ކުއްޖާގެ މަންމަގެ ހިތް ފަޅައިގެން ދިޔަ ހަބަރަކަށް ވީ ޓީޗަރަށް އެކުއްޖާ ކިޔައިދިން ވާހަކަތައް ހިއްސާ ކުރި ހިސާބެވެ. ކޮންމެ ދުވަހަކު ސްކޫލަށް ގެންދިއުމުގެ ކުރިން އެ ފިރިހެން މީހާ އެކުއްޖާ ގެންދަނީ އެމީހާގެ ގެއަށެވެ. އެއަށް ފަހު އެކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައި ކުއްޖާގެ އިއްފަތްތެރިކަން ނަގާލުމަށްގަހު، އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށޭ ބުނެއެވެ. މީހެއްގެ ގާތުގައި ބުނެފިއްޔާ މަރާލާނެ ކަމަށް އިންޒާރު ދީ ހަދާ ކަމަށް އެ ކުއްޖާ ޓީޗަރަށް ކިޔައިދިނެވެ.
އެތައް ފަހަރެއްގެ މަތިން އެ ކުއްޖާ ރޭޕްކުރި ކުށް އޭނާގެ މައްޗަށް ސާބިތުވެ އެމީހާއަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ނަމަވެސް ކިތަންމެ ބޮޑު ހުކުމެއް އިއްވިޔަސް އަދި މަރުގެ އަދަބު ދިނަސް ވެސް އެއްކަލަ މައުސޫމު ކުޑަކުޑަ އަންހެންކުއްޖާގެ ނަގާލެވުނު އިއްފަތާއި ކަރާމާތާއި އަބުރު އަނބުރާ ލިބިދާނެ ހެއްޔެވެ. ނޫނެކެވެ. އެއީ ދުވަހަކުވެސް ފިލާނުދާނެ ވޭނެކެވެ. ދުނިޔޭގެ އެއްވެސް ބޭހަކަށް އެ ޒަހަމް ފަސޭހަކޮށެއް ނުދެވޭނެއެވެ. ދިރިއުޅުން އުޖާލާކުރުމަށް ރެއާދުވާލު ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔަ ދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅުގެ މުޅި ދުނިޔެ އަނދިރިވެ ވީރާނާ ވީއެވެ.

