އިޒްރޭލުގެ އަނިޔާވެރި ހަމަލަތަކުގައި ހަނާވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހިން އަނެއްކާވެސް މަގުތަކަށް ނުކުމެ އަޑުއުފުލައި އެންމެން އެކުގައި އަތް އުފުލައި ދުއާ ދަންނަވައިފިއެވެ.
ރަސްފަންނުން ރޭ ފެށި ބޮޑު ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު ހިނގާލުން ކުރިއަށް ދިޔައިރު ބޯކޮށް ވާރޭވެސް ވެހެމުން ދިޔައެވެ.
މަޖީދީމަގުން ގޮސް ހެންވޭރު ދަނޑަށް ދިޔަ މި ހިނގާލުމުގެ ބައިވެރިން ވަނީ ހެންވޭރު ދަނޑުގައި ތިބެ އިޒްރޭލުގެ ޓޫރިސްޓުން، ރާއްޖެއަށް އައުން މަނާކުރަން ގޮވާލައިފައެވެ. އަދި ވަނީ ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ރަފާ ބޯޑަރު ހުޅުވައިލަން ގޮވާލައިފައެވެ.
ހިނގާލުން ނިންމާލައިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ކުރި ހާއްސަ ދުއާ އަކުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމަށް މީގެ ކުރިން ވަނީ ސައިކަލް ބުރަކާއި އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބާއްވައިފައެވެ. އެ ދެ ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 3،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މީގެ ދެ ދުވަސް ކުރިން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި 500 އެއްހާ މީހުންވެސް ހިމެނެއެވެ.

