އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، މުއިއްޒު ފުރަތަމަ ފަހަރަށް ވަނީ ދެވަނަ ފިޔަވައްސަށް ވަޑައިގެންފައެވެ. އެމަނިކުފާނު ހިޔާ ފްލެޓުތައް ސަރަހައްދަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ހިޔާ ފްލެޓު ސަރަހައްދުން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ހޯއްދަވައިފައެވެ.
މުއިއްޒު ފޭސް ދޭކަށް ވަޑައިގެންނެވި ވަގުތަކީ ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެހެންވެ، ހިޔާ ސަރަހައްދުގައި ތިބި މީހުންނާ ބައްދަލު ކުރައްވައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ފަށް ފަށުން ޝުކުރު ދަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެ ސަރަހައްދަށް ވައުދުތަކެއް ވެވަޑައިގެންފައިވާނެއެވެ. އެހެންވެ، އެ ވައުދުތައް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވެވިއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. ބަޖެޓުގައި ހިމެނި ކަންތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވާނީ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރުން ހިމަނާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅަށް ފަހު، ބޯ ވާރޭ ތެރޭގައި އެއްވެ ތިބި މީހުންނާ ސަލާމް ކުރައްވައި ފޮޓޯ ނަންގަވާފައިވެއެވެ. މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

