ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ އާދީއްތަ ދުވަހުގެ އެޖެންޑާ ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، އަދި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ހުށަހަޅަންވާނެކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، 29 އޮކްޓޯބަރު 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދގެ 205 ވަނަ މާއްދާގެ (ޅ) އަދި (ކ) އަށް ރިއާޔަތްކޮށް، އެ ގަރާރުގެ ބަހުސްކުރުމުގެ ޖުމްލަ ވަގުތަކީ 2 ގަޑިއިރުކަމަށާއި، އެ 2 ގަޑިއިރުގެ ތެރޭގައި މަޖިލީހުގެ ރައީސްއަށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަފުޅުދެއްކެވުމަށް، ބަހުސް ފެށުމުގެ ގޮތުން 10 މިނެޓުގެ ފުރުސަތު، ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ ފުރުސަތު އަދި ބަހުސް ނިންމުމުގެ ގޮތުން 10 މިނެޓުގެ ފުރުސަތު (ޖުމްލަ 30 މިނެޓުގެ ފުރުސަތު) ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ބާކީ އޮތް، 1 ގަޑި އިރާއި 30 މިނެޓް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން މެންބަރުންނަށް ވަގުތު ދިނުމަށާއި، އެގޮތުން، ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް 3 މިނެޓަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން 1 ފުރުސަތު ދިނުމަށް އާންމު ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ނަޝީދަށް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މި މަހުގައެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށައަޅާފައިވާ ޤަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހަށް ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށައެޅުއްވުމުގައި ނަޝީދުގެ އަމިއްލަ މަސްލަޙަތު އިސްކުރައްވާކަމަށެވެ.

