ރައްޔިތުންގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ 49 މެންބަރުންގެ ސޮޔާއެކު މިމަހުގެ ނުވަވަނަ ދުވަހު އެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ދެން އުފެދޭ ސުވާލަކީ އަންނަ އާދީއްތަ ދުވަހު ނަގާ ވޯޓް ގެ ނަތީޖާ އަށް ވާނީ ކިހިނެއް ބާއެވެ.
ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެ ގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުތައް ވެސް ކޮށްފައެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ. އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށްވެސް ޤަރާރުގައި ސިފަކޮށްފައިއެވެ.
މަޖިލިސް ގެ މެޖޯރިޓީގެ ވިސްނުން މިގޮތަށް ހުރި ނަމަވެސް ރައީސް ނަޝީދަކީ މިހާތަނަށް ކަން ކުރެއްވުމުގައި ގެންގުޅުއްވާ ހަމަ ތަކުން ސިފަ ވަނީ ކުޅެން ޖެހޭ “ސިޔާސީ ކުޅި” އޭގެ ވަޤުތުގައި ކުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.
އާދިއްތަ ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދު ހުރަހެއް ނާޅައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. އެއީ، ނަޝީދަށް ޖަވާބުދާރީވެވަޑައިގަތުމަށް ދިހަ މިނެޓު ދެއްވުމަށް ފަހު، ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ތިބޭ ނިސްބަތުން ބާކީ އޮންނަ ދޮޅު ގަޑިއިރު ބަހާލުމަށެވެ.

