މިސްރުގެ އިންސާނީ އެހީގެ ސާމާނާއެކު ދެވަނަ ގާފިލާއެއް ކާމިޔާބުކަމާއެކު ގާޒާއަށް ވަދެއްޖެ އެވެ.
ދެވަނަ ބުރުގައި އެ ސަރަހައްދަށް ވަދެފައި ވަނީ 17 ޓްރަކް އެވެ. މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެނިހެން ޒަރޫރީ ސާމާނު ހިމެނޭ މި އެހީގެ މަގްސަދަކީ ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ މަދަނީ އާބާދީއަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގާޒާގެ ވަސީލަތްތައް ހީނަރުވެ، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ ރަސްމީ އިދާރާ ކަމަށްވާ ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ތިން ދުވަހުގެ ތެރޭގައި ތެޔޮ ހުސްވާނެ ކަމަށާއި އެކަމުގެ ސަބަބުން އެ ޖަމިއްޔާގެ ހިދުމަތްތައް ހީވެސް ނުކުރާ ވަރުގެ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ ވަށައިގެން އެތައް ހާސް ސިފައިން ޖަމާކޮށް، ބިންތަކަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދީފައެވެ.އެވެ. އެޖަމާއަތުން ބުނަމުން ދަނީ ކޮންމެ ދުވަހަކު ވެސް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ހަމާސްގެ ގިނަ ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުން މިހާރު ވެސް މަރުވެފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ މިއަދުން ފެށިގެން ހަމަލާތައް އިތުރުކޮށް ނުރައްކާ ބޮޑުކުރާނެ ކަމަށެވެ. އެހެންކަމުން ގާޒާ ސިޓީގެ ރައްޔިތުން އެމީހުންގެ ސަލާމަތަށްޓަކައި ދެކުނުން ދަތުރުކުރުމަށް ގޮވާލާ ކަމަށެވެ.
އިޒްރޭލުން ތަކުރާރުކޮށް ގާޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުންނަށް އިންޒާރު ދީފައި ވަނީ އެއްގަމު އޮޕަރޭޝަނެއް ހިންގުމުގެ ކުރިން ދެކުނުން ދަތުރުކުރުމަށެވެ. އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ބަހާފައިވާ ލީފްލެޓާއި ފޯން ކޯލްތަކުގައި ވާގޮތުން އުތުރު ގާޒާ ދޫކޮށް ނުގޮސްފިނަމަ އެމީހުންނަކީ ޓެރަރިސްޓުން ގެ ގޮތުގައި ބަލައި އޭގެ ނަތީޖާ ކުރިމަތިވާނެ ކަމަށެވެ.

