ހުވަދު އަތޮޅު އުތުރުބުރީ ދާންދޫގެ ގިނަ ރައްޔިތުން މިއަދު ހެނދުނު އެ ރަށު ބަނދަރު ސަރަޙައްދަށް ނުކުމެ ތިބީ ފުރަން ދިޔަ ބަޔަކަށް އަލްވަދާޢު ކިޔަން ތިބި ތިބުމަކަށް ވިޔަސް އެއަށްވުރެ މާ ބޮޑު މަރުހަބާއެއްގެ ޝުޢޫރު އެމީހުންގެ މޫނުމަތިން ފެނެއެވެ. ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން އެކަން ވަރަށް ބޮޑަށް ސިފަ ވާއިރު ރަށުގެ ރައްޔިތުންގެ ބަސްމަގާ ވާހަކަތައް ވެސް ހުރީ ހަމަ އެ ބީދައިންނެވެ.
ރަށުގެ ވެރިންނާއި ރައްޔިތުން ތިބީ އެ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން އަށެއްކަ ކުދިން މަސްތުން ސާފު ވުމުގެ ނިޔަތުގައި ތިނަދޫ ސިޓީ ގައި ހުންނަ ޑީޓޮކްސް ސެންޓަރުން ލިބުނު ޖާގަޔަށް އެތެރެ ވުމަށް ކުރާ ދަތުރަށް ފުރުވާލަން ގޮސްއެވެ.

އެފަދަ ނިންމުމެއް ނިންމައި އިޞްލާޙުގެ މަގަށް އެނބުރި އަންނަން ހިތުގެ އަޑިން އެދުނީތީ އުފަލުން ނެވެ.
އެ ބަޔަކު އުފަލުން ރޮވުން މަންޒަރު ވެސް ފެނިފައިއެވެ. އަނެއް ބަޔަކު ހިއްވަރުގެ ބަސް ތަކުން އެކުދިންގެ ޢަޒުމް ވަރުގަދަ ކުރަމުން ދިޔައިރު ރަށު ކައުނަސިލުން ދިޔައީ އެކުދިންގެ ދަތުރުގެ މަންޒިލަށް ވާސިލުވަންދެން ދަތުރުގައި ބައިވެރިވާން ދަބަސް ހިފައިގެން ނެވެ.
މި ޕްރޮގްރާމް ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާފައިވަނީ ރިކަވަރީ ކުދިންގެ ތެރެއިން ޝަހީބު އަހުމަދު އަދި މައްސޫދު ސައިދުއެވެ.
މި ޕްރޮގްރާމް ގައި ކުދިންނަށް ދިމާވާ ދަތިތައް ފިލުވުމަށް ދާންދޫ/ ދޮންބަގީއްޗާގޭ އާގިލް އަހުމަދު އަދި އަޒްވާދް ފާރޫގުވެސް ދަނީ ކޮމިއުނިޓީ ސަޕޯޓު ގުރޫޕާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގއ ދާންދޫ ގައި ވެސް ރާއްޖޭގެ ގިނަ ރަށްތައް ފަދައިން މިވަގުތު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މަދު ނޫން އަދަދެއް އެބަ އުޅޭ ކަމަށް ވެއެވެ.
އޭގެ ތެރެއިން ގިނަ މީހުން ތިބީ އެ އަމަލުން ދުރަށް ދާން ބޭނުން ވެފައި ކަމަށް އެރަށުގެ ވެރިން ވިދާޅުވެއެވެ. އެހެން އެތައް އަހަރަކު ތިބި ތިބުމަށް ނިމުމެއް ގެނައި މި މަހުގެ 12 ވަނަ ދުވަހު ގިރިންދާ އެންޖީއޯ ގެ ފަރާތުން އެރަށަށް ކުރި އައުޓްރީޗް ދަތުރުން ލިބުނު ފުރުސަތުންނެވެ. އެ ރަށުގައި ތިބި ގިނަ މުއައްސަސާ ތަކާ ތިނަދޫ ޑިޓޮކްސް ސެންޓަރާ ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރި އެ ދަތުރުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ އަކަށް ވީ ދާންދޫ ގެ 12 ކުއްޖަކު ޑީޓޮކސްގައި ފަރުވާ ލިބުމަށް ފުރުސަތު ލިބުމެވެ އަދި އޭގެ ތެރެއިން 8 ކުއްޖަކަށް މިފަހަރު ޖާގަ ލިބުމެވެ. އެހެންކަމުން އެ ކަން ވެގެން ދިޔައީ މުޅި ރަށަށް ލިބުނު ބޮޑު އުފަލަކަށެވެ.
މޯލްޑިވިސް ޕޮލިސް ސަރވިސް ގެ ލޯންޗްގައި މިއަދު މެންދުރު 11 ޖެހިއިރު ތިނަދޫ ސިޓީއަށް އެ 8 ކުދިން އައުމުން ގިރިންދާ ގެ ބައެއް އިސް މެމްބަރުންނާއި އެންޖީއޯގެ ރައީސް މުހައްމަދު ޖާވިދު ގެ އިތުރުން ތިނަދޫ ޑިޓޮކްސް ސެންޓަރުގެ އިސްވެރިންވެސް ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔަން ޙާޒިރުވިއެވެ. ހަމަ އެހެންމެ ކުދިން ގޮވައިގެން ދާންދޫ ކައުންސިލުގެ ވަޤުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލީއާއި އެ ކައުންސިލްގެ މެމްބަރު ނަސްރާއި އަލީ އަދި އެރަށުގައި ހުންނަވާ ޔޫތް މިނިސްޓަރީގެ އެސްޑީ ފަޒްނާ އަދަމް ވަޑައިގަތުމަކީ ކަމުގެ މުހިންމު ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމެކެވެ.
ގއ ދާންދޫ ގެ ރައްޔިތުން ދެކެމުންދާ ހުވަފެނަކީ މަސްތުން ސާފު ރަށަކަށް އެރަށްވެ ނަމޫނާ ރައްޔިތުން ދިރިއުޅޭ ފަސްގަނޑަކަށް އެރަށް ވެގެން ދިއުމެވެ. މިއަދު މިވަނީ އެ ހުވަފެނުގެ ޙަޤީޤީ ކުލަ ޖެހުމުގެ ފެހި ސިގްނަލް ލިބިގެން ގޮސްފައެވެ. ރަށު ކައުނަސިލުން ދެކެން އަންނަ އުންމީދު އާވެފައެވެ.

