ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ލަސްނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ގަންދީ ދަންނަވަމެވެ. ތިޔަލޮބުވެތި ދިވެހީންނަކީ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަދި އެހާމެ ހެޔޮ ރަނގަޅު އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑުމެންނަށް އެހީ ފޯރުކޮށްދެއްވައިފައިވާ ރަނގަޅު ބަޔެކެވެ. މާތްﷲ ތިޔަ ބޭފުޅުންނަށް (އެ ކަންކަމުގެ) ހެޔޮޖަޒާ ދެއްވާށިއެވެ.
މިއީ ފަލަސްތީނިއަން ޕްރޮގްރެސިވް އެސޯސިއޭޝަން – މެލޭޝިއާ (ޕީޕީއޭ މެލޭޝިއާ)ގެ ޑރ. ޗީފު އެގްޒެކެޓިވް އޮފިސަަރ ޑރ. ޙިނައިނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދެއްވާފައިވާ ވީޑިއޯ ހިތާބެއްގެ ކުޑަ ތަންކޮޅެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، އަދި ގިނަދިވެހިންވެސް ބަލާފައިވާ މި ޚިޠާބުގައި އެންމެ ފުރަތަމަ ވެސް ވަރަށް އަސަރާއެކު ބަޔާންކުރައްވައިފައިވަނީ ފަލަސްޠީނުގެ މި ވަގުތުގެ ޙާލަތެވެ.
ފަލަސްޠީނުގެ ބިން ހިފައިގެން އުޅޭ ޔަހޫދީ އިސްތިޢުމާރީ ސިފައިން މި ވަގުތު ވެސް ގެންދަނީ ޣައްޒާ ފަނާކުރަމުން ކަމަށާއި، ޣައްޒާގައި ތިބި ރައްޔިތުންނަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ގެންދަނީ އަނިޔާވެރިކަމާއެކު ވަރުގަދަ ޙަމަލާތައް ދެމުންކަމަށެވެ. އަދި ހުރިހާ ދިމާއަކުން ފެންނަނީ ފުނޑުފުނޑުވެ ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ވީރާނާކަން ކަމަށާއި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި އެންމެން ދަނީ ކަތިލެވި ޝަހީދުވަމުން ކަމަށް ވިދާޅުވިއެވެ.
މިވަގުތު ޓީވީއިން ތިޔަ ފެނިވަޑައިގަންނަވާ ފަދައިން ހައްދެއްނެތި، މަތީން ގެންދަނީ މިސައިލާއި ބޮމުގެ ޙަމަލާތައް އޮއްސަމުން ކަމަށެވެ. ހުރިހާ ދިމާއަކުން ފެންނަނީ ޝަހީދުންގެ ކަތިލެވިފައިވާ ލެއެވެ.
ދުޝްމަނުން ބޭނުންވަނީ މަސްޖިދުލްއަޤްޞާ ދިފާޢުކުރަމުން ގެންދާ، މި މަދު މީސްކޮޅު އެކީއެކަށް ޝަހީދުކޮށް ހުސްކޮށްލާށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އެ ތަނަކަށް އިސްރާކުރައްވައި، އެ ތަނަކުން މިއުރާޖު އަރައިވަޑައިގަތް މަސްޖިދުލްއަޤްޞާ ރައްކާތެރިކޮށްދެއްވުން އެދި، އެންމެ މަތިވެރި ރަސްކަލާނގެ ﷲތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުމެން ދުޢާދަންނަވަމުއެވެ.
“ދިވެހިރާއްޖޭގެ ޚިދުމަތް ޖަމުޢިއްޔާ މެދުވެރިކުރައްވައި ފޮނުއްވި ފައިސާއަކީ މި ތާނގައި ތިބި އަޚުންނަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށާއި އެ މީހުން ބަރުދާސްތުކުރަމުންދާ ވޭންތަކަށް ލިބޭ ލުޔެއްކަމުގައި ވާނެކަން ތިބޭފުޅުންނަށް ޔަގީންކޮށްއަރުވަމެވެ.
ތިޔަބޭފުޅުން މީގެ ކުރީން ވެސް ފޮނުއްވި އެހީއިން ވަނީ މަންޒިލެއް، ގެއެއްދޮރެއް ނެތް މީހުންނަށް އެބައިމީހުން އުޅެވޭނެ ގޮތްތައް ހޯއްދަވައިދެއްވައިފައެވެ.
މި ވަގުތު ލައްކަ އަކަށްވުރެއް ގިނަ މީހުންގެ ގެއަކީ ނުވަތަ ފުރާޅަކީ އުޑެވެ. އަދި ގޮދަޑިއަކީ ހިނގައިބިނގައިވެ އުޅޭ ބިމެވެ.” އޭނާގެ ޚިޠާބު ކުރިއަށް ގެންދަވަމުން އަސަރާއެކު ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ލަސްނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ގަންދީ ދަންނަވަމެވެ. ތިޔަލޮބުވެތި ދިވެހީންނަކީ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަދި އެހާމެ ހެޔޮ ރަނގަޅު އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑުމެންނަށް އެހީ ފޯރުކޮށްދެއްވައިފައިވާ ރަނގަޅު ބަޔެކެވެ. މާތްﷲ ތިޔަ ބޭފުޅުންނަށް އެ ކަންކަމުގެ ހެޔޮޖަޒާ ދެއްވާށިއެވެ!
އަދި ﷲ އިރާދަފުޅުކުރެއްވިއްޔާ މިކަން ވާހުށީ ނަޞްރާއި ކާމިޔާބީއަކަށެވެ. އަދި ފަލަސްޠީނު މިނިވަންވުމަށް ލިބޭ ބާރުވެރިކަމަކަށެވެ. އަދި މި މާތް ބިން މާތްﷲ ޠާހިރު ކުރަށްވާނެތެވެ. އެއްވެސް ޔަހޫދީ އަދުއްވެއް މި ބިމުގައި ބާކީ ނުހުންނާނެ ދުވަސް އިރާދަކުރެއްވިއްޔާ އަންނާނެއެވެ. އޭރުން ޤުދުސް ވާހުށީ ފަލަސްޠީނުގެ ވެރިރަށްކަމުގައެވެ. އަދި ހުރިހައި މުސްލިމުންގެ ވެރިރަށް ކަމުގައެވެ.
ﷲ ސުބްޙާނަހޫ ވަޠަޢާލާ ތިޔަ ބޭފުޅުންނާއި، ތިޔަބޭފުޅުންގެ ޒުވާނުންނާއި ތުއްޕުޅު ބޭފުޅުންނާއި އަންހެނުންނާއި މުސްކުޅީން ރައްކާތެރި ކޮށްދެއްވާށިއެވެ. ތިޔަ ދެއްވި އެހީއަކީ މަސްޖިދުލްއަޤްޞާ ހިމާޔަތްކުރުމުގައި ވެދެއްވި އެހީތެރިކަމެއް ކަމުގައި ވާނެތެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހީން ދަނީ އަބަދުވެސް ނަމޫނާ ދައްކަމުންނެވެ. އަދި ދިވެހީން ފަލަސްތީނަށް ތާއީދު ކުރާތީ އިސްރާއިލް ވަނީ ދިވެހިރާއްޖެއަށް ދަތުރު ކުރުމުގައި ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

