އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ވާހާކާއަކީ މިހާރު އާވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ފުރާނައެއް ޝަހީދުވެގެން ދަނީއެެވެ. މާބަނޑު އެތައް އަންހެނުންނަށް އެތައް އަނިޔާއެއް ކުރަނީއެވެ. ކުށެއް ނެތް މައުސޫމް އެތައް ކުދިންނެއް ޝަހީދު ކޮށްލާއިރު ހިތަށް އެއްވެސް އެއްޗެއް ނާރަނީބާވައެވެ.
ތިޔަ ފޮޓޯއިން ފެންނަ ތުއްތު ކުއްޖާގެ މައުސޫމް ކަން ނިކަން ދެކިބަލާށެވެ. ފޮޓޯއިން ބުނެދޭކަހަލައެވެ. ތިމަންނާގެ އޮތީ ކޮން ކުށެއްބާވައެވެ. މޫނުގައި އެހެރީ މޭކްއަޕެއް ކޮށްފައެއް ނުނެވެ. އިސްރާއީލުގެ ޖައްބާރު ސިފައިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވެ ލިބުނު ޒަހަމްތަކުގެ ލެއިން މުލިމޫނު ވަނީ ލެއިން ތަތްތެޅިިފައެވެ.
އަމިއްލަ ހިތަށް ގެންނަވާށެވެ. ހާދަހާ ވޭނެއް އާޅާނެއެވެ. ހާދަހާ އަސަރެއް ކުރާނެއެވެ. އަމިއްލަ ދަރިއަކަށް މިފަދަ އަނިޔާއެއް ލިބިއްޖެ ނަމަ އަހަރުމެން ހިތަށް ކިހާއަސަރެއް ކުރޭބާވައެވެ. މުޅި ދުނިޔެ އިސްރާއިލަށް ގޮވަމުންދަނީ ހަނގުރާމަ ހުއްޓާލުމަށެވެ. ނަމަވެސް ބަހަނާއަކަށް ފަހު ބަހަނާ އެއް ދެއްކުމަށް ފަހު ހަނގުރާމަތައް އިތުރަށް ވަރުގަދަ ކުރަނީއެވެ.
މިގޮތުން އިއްޔެރޭ އެކަނިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވެއެވެ. އެ ވަރުގަދަ ހަމަލާ ތަކަކީ، މި ހިނގައިދިޔަ ދެހަފްތާ ތެރޭގައި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާތަކެވެ.
ފަލަސްޠީނުގެ ދިފާޢުގައި މަސައްކަތް ކުރާ ހަމާސް ޖަމާޢަތުގެ ހަމަލާތަކުގައި، މިހާތަނަށް އިޒްރޭލުގެ 1،405މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި 307 ސިފައިންނާއި 57 ޕޮލިސް އޮފިސަރުން ހިމެނެއެވެ.
ފަލަސްޠީނުގެ 5000އަށްވުރެ ގިނަ މީހުން ޔަހޫދީން ޝަހީދުކޮށްލިއިރު، އޭގެ ތެރޭގައި 2055 ކުޑަކުދިންނާއި 1،119 އަންހެނުން ހިމެނެއެވެ.
އަދި 15،273 މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި 2،000 ކުޑަކުދިންނާއި 1،400 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، ޣައްޒާއިން 1،400 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެއެވެ.
އެހެން ހަނގުރާމަ ތަކާއި ހިލާފަށް މިފަހަރު އިސްރާއީލުގެ ހަނގުރާމަ ބޮޑަށް އަމާޒުކޮށްފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ. 1 މަހުގެ ތުއްތު ކުދިންވެސް މިހަމަލާތަކުގައި ޝަހީދުވެ ދިޔައެެވެ. އެތައް އާއިލާއެއް ނިކަމެތިވެ ޔަތީމުވެއްޖެއެވެ.
އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެއުއްމަތުގެ މީސްތަކުންގެ މައްޗަށް ހެޔޮދުއާކޮށްދިނުމެވެ. މުހިއްމީ އިސްލާމީ އުއްމަތުގެ ހާލު ތިޔަބޭފުޅުންނަށް އެނގި، ހެޔޮ ދުޢާ ކޮށްދިނުމެވެ. ހެޔޮ ދުޢާ ކުރުމުގައި ދެމި ތިއްބެވުން އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑުއެއް ހެޔޮކަމެވެ.
އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ ފަލަސްޠީނުގެ ރައްޔިތުންނާއި އެކީ އަޅުގަނޑުމެންވެސް ތިބިކަން މުޅި ދުނިޔެއަށް ހާމަ ކޮށްދިނުންއެއީ ނިކަމެތި އާއިލާތަކަށް ދެވޭނެ ބޮޑުހިތްވަރެކެވެ.
އަޅަމެންގެ އަޚުންނާއި އުޚްތުންނަށް ރައްކަތެރިކަމާއި ކެއްތެރިކަން މިންވަރު ކުރައްވާ، ކާމިޔާބާއި ނަސްރު ދެއްވުމަށް އެދި ދުއާ ދަންނަވަމެވެ.

