މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރުމުން ބަންދުގޮޅިއެއްގައި އޮންނަން ރުހި ދިވެއްސަކު ކްރިމިނަލް ކޯޓުގައި އޭނާއަށް ދެވެން އޮތް އެންމެ ދިގުމުއްދަތެއްގެ ބަންދެއް ދިނުމަށް އެދުނު ސުރުހީ ގިނަ ބަޔަކުގެ ސަމާލުކަން ދަމައިގަތް ހަބަރަކަށްވިއެވެ.
60 އަހަރުގެ އުމުރުން ދުވަސްވީމީހަކު އަމިއްލައަށް ބަންދެއްގައި އޮންނަން ރުހޭނީ ގައިމުވެސް މިނިވަން ކަމަށްވުރެ އޭނާއަށް އެބަންދު ގޮޅިވެސް މާ އަރާމުވެފައި އުފާވެރި ވީމަތާއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ވައްކަމުގެ މައްސަލަ ގިނަ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އެހެނެއްކަމަކު އޭނާ އެގޮތަށް އެ އެދުނީ އެކަންތައްތައް ކުރަންވެސް މިނިވަން މާހައުލު އޭނާއަށް ފަސޭހަ ނުވީމަތާއެވެ. ކޯޓުއަމުރުގައި “އާއިލާއިން ބަލައިނުގަންނާތީ” މިހެން ޖަހާފައި އޮތުމުން ސުވާލު އުފެދެއެވެ. އާއިލާއިން ބަލައިނުގަންނަންވީ އޭނާއަކީ ކުށްކުރާ މީހަކަށްވާތީބާވައެވެ. ނުވަތަ އެ އުމުރުގައި އޭނާ ބަލައިގަންނަން ބޭނުން ނުވީބާވައެވެ.
މާލޭގެ ޕާކެއްގެ ކައިރިން މީހެއްގެ ފޯނު ފޭރިގަތް މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިހަކަށް ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖެހީ 30 ދުވަހެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އެ މުއްދަތުކޮމިޓީގައި އޭނާ އެދުނީ ބަންދަށް ދެވެން އޮތް އެންމެ ދިގު މުއްދަތަކަށް އޭނާ ބަންދުގައި ބޭއްވުމެވެ.
މީހާ ބުނި ގޮތުގައި އޭނައަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތެކެވެ. ކޯޓުން ފާހަގަކޮށްފައިވަނީ ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ކުށްތައް ގިނަވުމުން މީނާގެ އާއިލާއިން ވެސް މީނާ ބަލައިނުގަންނަ ކަމަށެވެ. މީހާއަކީ ހައްޔަރު/ބަންދު ރެކޯޑް ގިނަ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އަމުދުން ކުށްކުރަން ބޭނުން މީހަކު އެދޭނީ އަަވަހަށް މިނިވަންވުމަށެވެ. އަމިއްލައަށް ބަންދަށް އެދޭނީ މިނިވަންކަމަށްވުރެ ހުރަގެ އޭނާއަށް ހިތްފަސޭހަވެފައި އަމާން ކަމަށްވާތީކަން ގައިމެވެ.
ކޮންމެއަކަސް މިއީ ވިސްނާލެވުނު މައްސަލައެކެވެ. އުމުރުން ދުވަސްވީ މީހަކަށްވެފައި އޭނާގެ އާއިލާއެއްވެސް ނެތީބާވައެވެ. ރަނގަޅު މަގެއް ދައްކާލާނެ އެކުވެރިއެއްވެސް ނެތީތާއެވެ. މިކަހަލަ ކިތަންމެ މައްސަލައެއް ފެންމަތިވެ އަޑު ނުކިޔަސް މި މުޖުތަމައުގައި ގިނައެވެ. މިއީ ހައްލު ހޯދުމަށް ކޮންމެ މީހަކުވެސް، ފަރުދީ ޒިންމާ، އަމިއްލަ ޒިންމާއިން ފަށައިގެން ނޫނީ ނަތީޖާ ނުނިކުންނާނެ ކަންތައްތަކެއްކަން ގައިމެވެ.

