ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މިކަން އިއުލާނު ކުރައްވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަވޭތޯ ބެލް ޖެހުމަށްފަހުވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޯރަމަކީ 22 މެންބަރުންނެވެ. އެ މަޖިލީހުގެ އާއްމު ޖަލްސާއެއް ކުރިއަށް ގެންދެވޭނީ 22 މެންބަރުން ހަމަވާނަމައެވެ.
22 މެންބަރުން ހަމަނުވެގެން މިއަދުވެސް ޖަލްސާ ނިންމާލާފައިވާއިރު މިއީ މި ފަހަކަށް އައިސް ވަރަށް އާންމު ކަމަކަށްވެފައިވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންމިދާ 19 ވަނަ ދައުރުގެ މެންބަރުންގެ އަދަދަކީ 87 އެވެ.
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ.
މީގެ އިތުރުން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ރާއްޖޭގެ މަސް ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރުގެ ބަހުސް ވެސް އެޖެންޑާ ކުރިއެވެ.

