އިމްރާން ޚާންގެ ސަޕޯޓަރުންގެ މުޒާހަރާ ޝަރީއަތްތައް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އާންމުންގެ އަސްކަރީ ޝަރީއަތްތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ހިންގާ ޝަރީއަތްތަކެއް ކަމަށާއި އެއީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މި ނިންމުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެ މައްސަލަތައް މިހާރު މަދަނީ ޓްރައިބިއުނަލްތަކަށް ބަދަލުކުރާނެ އެވެ.
މި ހުކުމުގެ ސަބަބުން އަސްކަރީ ކޯޓުތަކުގައި ކުށް ސާބިތުވާ އެހެން އާންމުންނަށް ވެސް އިސްތިއުނާފު ކުރުމުގެ މަގު ފަހިވެދާނެ އެވެ.
“މިއަދުގެ ހުކުމަކީ ވަރަށް މުހިންމު ހުކުމެއް ކަމަށާއި އޭގެ ސަބަބުން ގައުމުގެ ގާނޫނު އަސާސީ އާއި ގާނޫނާއި މަދަނީ މުއައްސަސާތައް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ،” އަސްކަރީ މަރުހަލާތަކަށް ގާނޫނީ ގޮންޖެހުން ހުށަހެޅުއްވި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ގާނޫނީ ވަކީލު އައިތުޒާޒް އަހުސަން ވިދާޅުވި އެވެ.
އެހެން ގާނޫނީ މާހިރުން ވެސް ވަނީ އެ “ހިތްވަރުގަދަ” ހުކުމަށް ތައުރީފް ކޮށްފަ އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓު ބާ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުސަން ބޫން އެ ގައުމުގެ ނޫސް “ޖިއޯ ނިއުސް” އަށް ވިދާޅުވި ގޮތުގައި އެ ނިންމުމަކީ މުޅިން ރަނގަޅު ނިންމުމެއް ކަމަށާއި ގާނޫނު އަސާސީ އަށް ތާއީދު ކުރި ކަމަށެވެ.
އިމްރާންގެ ސަޕޯޓަރުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގަން ސަރުކާރުން ނިންމުމުން އެ މަރުހަލާ ބޭއިންސާފުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކުރާ ގޮތުގައި އަސްކަރީ ޓްރައިބިއުނަލްތަކަކީ ދެފުށް ފެންނަ ގޮތް ނެތުމާއި، ޑިއު ޕްރޮސެސްއަށް އިހުމާލުވުމާއި، މަޖުބޫރުކޮށް އިއުތިރާފުވުމުގެ ތާރީޚެއް އޮންނަ ޓްރައިބިއުނަލްތަކެކެވެ.
ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ އެ ހުކުމާ ދެކޮޅު ހައްދަވައިފަ އެވެ.
މި މައްސަލަތައް ހުށަހެޅުނު ބަލޫޗިސްތާން ޕްރޮވިންސްގެ ވަގުތީ އިންފޮމޭޝަން މިނިސްޓަރު ޖަން އަޗަކްޒާއީ އެކްސްގައި ވިދާޅުވީ އެ ނިންމުމަށް އިހުތިރާމް ކުރެއްވި ނަމަވެސް އެއީ މާޔޫސްވާ ކަމެއް ކަމަށާއި ޕެޓިޝަންގެ މަގްސަދަކީ ސިޔާސީ ތާއީދު ދެއްވުން ނޫން ކަމެއް ނޫން ކަމަށެވެ.

