ފިއުލް ސަޕްލައި މޯލްޑިވްސްގެ ނާޖާއިޒު އެއްވެސް މަންފާއެއް އޭނާއަށް ލިބޭގޮތަށް ކޮށްފައި ނުވާނެ ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް މިހެން ވިދާޅުވީ އެކުންފުނީގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރާކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށް މިރޭ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ގަސަމް ވިދާޅުވީ، ފިއުލް ސަޕްލައި މޯލްޑިވްސް ގެ ލިޔުންތަކެއް ނައްތާލުމާ ގުޅިގެން އެ ކަމަކީ އޭނާ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކޮށްފައިވާ ކަމެއްކަމަށް މީހުންގެ ސިކުނޑިއަށް ވައްދައިދިނުމަށް މީސް މީޑައާގެ ވަސީލަތްތަށް މެދުވެރިކޮށް ފުޅާ ދާއިރާ އެއްގައި ބަޔަކު ކުރަމުންދާ ފިނޑި އަމަލުތަކެއްކަމަށެވެ.
އެކަމާއި ގުޅިގެން އޭނާގެ މަންމަ އާއި ބައްޕަ އަށް އަދި އާއިލާ އާއި ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށާއި އެންމެހާ ފަރާތްތަކަށް ޔަގިން ކަމާއެކު ދަންނަވާލަން ބޭނުންވަނީ އޭނާ އަދިވެސް މިހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގަ ކަމުގައިކަމަށެވެ.
އޭނާ ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަނބި ދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންކަމަށެވެ.
އަދި ކުންފުނީގައި އޭނާ ކޮށްފައިވާ ކޮންމެ މަސައްކަތެއް ކޮށްފައިވާނީ ކުންފުނީގެ ކުރިއެރުމަށާއި، ފޮރުވަން ޖެހޭ ނާޖާއިޒު މަންފާ ލިބޭގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ފިއުލް ސަޕްލައި މޯލްޑިވްސްގެ ލިޔެކިޔުން ނައްތާލުމާއި ގުޅޭގޮތުން އެކުންފުނިން މައުލޫމާތު ދެމުން ބުނެފައިވަނީ ކުންފުނީގައި ބޭނުންކުރާ އެއްވެސް ލިޔުމެއް ނައްތާލައިފައި ނުވާނެ ކަމަށެވެ. ކުންފުނީގެ ލިޔެކިޔުންތައް ބަލަހައްޓަމުން ދަނީ ހެދިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންކަމަށެވެ.

