މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ފުލެޓަށް އެދި ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި 40 ހާހަށްވުރެ ގިނަމީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ކަމުގައި ޢަމަލު ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވަމުންދާ ކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ބުނެފިއެވެ.
ގެދޮރުވެރިޔާ ބިންވެރިޔާ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވާއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން 21،247 ފޯމު އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅައިފަ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިންވެސް އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހުގައިވެސް، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުންދިޔަ ވާހަކަ އަކީ ސަރުކާރުން ލިޔުން ހަވާލުކޮށް ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ހިމަނާފައިވާ އެއްވެސް ފަރާތެއްގެ އަތުން އެ ގޯތި ނުވަތަ ފުލެޓް އަތު ނުލައްވާނެ ކަމަށެވެ. އަދި އެ ވިދާޅުވި ބަސްފުޅާއި އެއްގޮތަށް ކަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހިއްކާފައި ހުރި ބިންތަކުން ބައެއް މީހުން ގޯތި ކަނޑައި ދީފައި ވެސް ވެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ 2، 3 އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޭން ވަނީ ނިންމައިފަ އެވެ. މުޢިއްޒު ވަނީ އެ އެންމެނަށްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ގޯތި އަދި ފުލެޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

