ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީން ފާސްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ތްރީލައިން ވިޕް ނެރެން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ އެދިފަ އެވެ.
އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް 3 މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.

