ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން މަސްވެރިން ބާނާ މަހުގެ އަގުބޮޑު ކުރިފަހުން މަސްވެރިންނަށް ރުފިޔާ ނުލިބޭ ކަމަށް މަސްވެރިން، އަދި އޮޑިވެރިން ބުނަން ފަށައިފިއެވެ.
ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވި ސިނާއަތް، މަސްވެރިން ރުއްސުމުގެ ބޭނުމުގައި 17 ރުފިޔާގެ މަގުން ކިރަމުން އައި މަސްކިލޯގެ އަގު 25 ރުފިޔާއަށް ބަދަލު ކުރީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދެވަނަބުރުގައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ހުވަދުއަތޮޅުގެ ކެޔޮޅަކު ހުވަދޫއަށް ޔަގީން ކޮށްދެއްވީ އެދޯޯނިން ބާނާފައިވާ، 55 ޓަނުގެ ފައިސާ އަދިވެސް ނުލިބޭކަމަށެވެ. އެއީ 3 ހަފްތާ ނުވަތަ 4 ހަފްތާގެ މަހަށްވާ ފައިސާ އެވެ.
ފައިސާ އެއްނުލިބޭ. މިހާރު މި ދޯނީގައި އެކަނި އެބަަހުރި ފައިސާ ނުލިބި ހުރި 55 ޓަނުގެ މަހަށްވާ 1.3 މިލިއަން ރުފިޔާ. ލިބޭނެ ދުވަހެއްވެސް ނޭގެ.
އިތުރަށް ވާހަކަ ދެއްކި ކެޔޮޅަކު މައުލޫމާތު ދެމުން ބުނެފައިވަނީ އެންމެ ފަހުން މަސްވެރިންނަށް ރުފިޔާ ލިބިފައިވާނި މި އޮކްޓޯބަރ މަހު ކުރީކޮޅު ކަމުގައި ކަމަށެވެ. އޭގެ ފަހުން ބޭނި އެއްވެސް މަހަކަށް ރުފިޔާ ލިބިފައިނުވާ ކަމަށެވެ.
މަހުގެ އަގަށް ކުއްލިއަކަށްއައި ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ހުވަދޫއަށް ވިދާޅުވީ މަސްވެރިންނަށް ބާނާފައިވާ މަހަށް ފައިސާ ދެމުންގެންދާ ކަމަށެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން ހުރިހާ ދޯނިތަކަށް ފައިސާ ދެމުންގެންދާ ކަމަށެވެ.
މަސްވެރިން ބާނާމަހަށް ފައިސާ ދެމުން މިދަނީ. އޮންނަ އުސޫލުގެ ތެރެއިން ލަސްވާކަމަކަށްް ގަބޫލެއް ނުކުރަން. އެހެންނަމަވެސް ބޮޑެތި އަދަދުތައް ހުންނަ ދޯނިތަކަށް ޑިލޭއެއް އުޅެދާނެކަމަށެވެ.
ދައުރު ހަމަވުމުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭތޯ މި ނޫހުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފައުޒީ ވިދާޅުވީ މި ހިނގާ 4 އަހަރުގައި ވެސް މަސްވެރިންނަށް ފައިސާ ދެމުންދާ ކަމަށެވެ. އެހެންކަމުން އަދިވެސް ފައިސާ ދެވޭނެ ކަމަށެވެ.
މި 4 އަހަރުގައި ވެސް މިދަނީ ފައިސާ ދެމުން. އެހެންވީމަ އަދިވެސް ފައިސާ ދެވޭނެ.
އެހެންނަމަވެސް މަސްވެރިންނަށް ރަސްމީކޮށް ހަދާފައިވާ ވައިބާ ގުރޫޕުން އެނގެން އޮންނަ ގޮތުގައި މަސްވެރިންނަށް އެންމެ ފަހުން ފައިސާ ލިބިފައިވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން ގިނަ މަސްވެރިން އެ ގުރޫޕުގައި ސުވާލުވެސް ކޮށްފައިވެއެވެ. އަދި އޭގެ ޖަވާބު މިފްކޯގެ ފަރާތުން ދިފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ދޯނިތަކުގައި 80 ޓަނުގެ މަހަށްވާ ފައިސާ އާއި، 100 ޓަނާއި ގާތްކުރާ އަދަދަށް މަސްބާނާފައި އެބަހުއްޓެވެ.

