އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.
ނިހާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އެ މަނިކުފާނު ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ މައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.
މިކަމާއި ގުޅިގެން ނިހާދު ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއިމެދު ޤާނޫނީ ސުވާލު އުފައްދައި އެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް ރައީސް ނަޝީދުގެ ޓީމުން ރާވަމުންދާ ކަމަށެވެ. އެ ފުރުސަތު ނުދިނުމަށް ނިހާދު ވަނީ ގޮވާލާފައެވެ.

