އިންސާނީ އެހީގެ 12 ލޮރީގެ ގާފިލާއެއް މިއަދުވެސް މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަދެއްޖެއެވެ.
ރެޑް ކްރެސެންޓުގެ ފަލަސްތީނު ގޮފިން ބުނެފައިވާގޮތުގައި މިއަދު ލިބުނު 12 ލޮރީގައި ހިމެނެނީ ކާނާއާއި ބޭހާއި ސިއްހީ އާލާތެވެ. މި ގާފިލާއާއެކު، މިހާތަނަށް ލިބުނު އެހީގެ ލޮރީގެ އަދަދު މިވަނީ 74 އަށް އަރާފައެވެ.
މިހާތަނަށް 74 ލޮރީގެ އެހީ ލިބިފައިވީނަމަވެސް ތެޔޮ އެއްވެސް ވަރަކަށް ޣައްޒާއަށް ލިބިފައެއް ނުވެއެވެ. އިޒްރޭލުން ބުނެފައިވަނީ ޣައްޒާއަށް ތެޔޮ އެތެރެ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ސަބަބަކީ ހަމާސް އިން އެ ތެޔޮ ބޭނުން ކުރާނެތީ ކަމަށްވެސް އިޒްރޭލުން ބުންޏެވެ.
ތެލަށް އަދިވެސް ފުރުސަތު ނުދޭން އިޒްރޭލުން ނިންމާފައިވާ މިދަނޑިވަޅުގައި ޣައްޒާއަށް އެންމެ ބޭނުން ޖެހިފައިވާ އެކައްޗަކީ ތެލެވެ.
ތެލާ ނުލައި ހޮސްޕިޓަލުތައް ނުހިންގޭނެ ކަމަށާއި އެހީ ބެހުމާއި ފެން ލިބުންވެސް ގުޅިފައިވަނީ ތެލާކަން އިންސާނީ އެހީދޭ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައަކަށް އަދި ދުނިޔެ ގޮވާލާ އެއްވެސް ގޮވާލުމަކަށް އިޒްރޭލު އިޖާބަ ދޭކަށް ގަސްދެއް ނުކުރެއެވެ.

