އަހަރެމެންގެ އިސްލާމްދީން އަހަރެމެންނަށް ގޮވާލަނީ، މުޢާލަމާތްކުރުމުގައި އަޚުލާގީ މިންގަނޑުތަކަށް ތަބާވެ، އެ މިންގަނޑުތަކުގައި ހިފެހެއްޓުމަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މުޢާމަލާތްކުރުމުގެ އަޚުލާގުގެ މައްޗަށް މިއަދު އިއްވި ޚުޠުބާގައި ވަނީ، މީސްތަކުން އެކަކު އަނެކަކާއި ވާހަކަ ދެއްކުމުގައި، އެކުވެރިކަން ދެމެހެއްޓޭ ގޮތަށް، ރިވެތި ބަހުރުވައިން މުޢާމަލާތްކުރުމަށް ބާރުއަޅާފައެވެ.
އެގޮތުން، ހިތްތިރި ކަމާއިއެކު، މުއާމަލާތް ކުރުމުގައި މަޑުމައިތިރިވެ، ރިވެތި ބަހުން ވާހަކަ ދައްކާ، މީސްތަކުންނާއި ގާތް ގުޅުމެއް ބާއްވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދީ އުޅޭ މީހުންނަކީ ގިނަ ގުނަ ޘަވާބު ލިބިގެންވާ ބައެއްކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މީސްތަކުންނާއި އެކު، އަމާން އުފާވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުވަން ޖެހޭނެ ކަމަށާއި، އެގޮތުގެ މަތީން އެފަދަ މީހާ، މީސްތަކުންގެ ހުންނަ އައިބު ތަކުގެ ވާހަކަތައް އަނެކާ އަރިހުގައި ނުދައްކާ، އަދި ބޭޒާރުކުރަމަށް ވާހަކަތައް ދައްކައި ނަހަދާނެ ކަމަށްވެސް ޚުޠުބާގައި ބުނިއެވެ.
އަދި އަހަރެމެންގެ އިސްލާމްދީނަކީ ބިނާކުރުމުގެ ދީނެއްކަމަށާއި، އެގޮތުން، ދީން އަހަރެމެންނަށް ގޮވާލަނީ، އިންސާނާ ބިނާކުރުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އަހަރެމެން ބިނާ ކުރެވިގެންދާނީ، ލޮތްބާއި ކުލުނާއިއެކު، އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތުކޮށް، މާތް ރަސްކަނލާގެއަށް ކިޔަމަންގަތުމުގެ މަތީގައި ރައްޔިތުންނާއި ޙާކިމާއާ ދެމެދުގައިވާ ގުޅުން ބަދަހި ކޮށްގެން ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެެ.
މީގެ އިތުރަށް އެފަދަ ގައުމެއް ބުނާކުރެވިގެންދާނީ، އެންމެންނަކީވެސް އެކަކު އަނެކަކަށް ހިތް ސާފު ބަޔަކަށް ވެގެން ކަމަށާއި، އެހެންކަމުން، ޝައްކުތަކާއި ވަހުމްތަކުން ދުރުވެތިބުމަށް، މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައއެވެ.
އަދި ހަމައެހެންމެ މުއާމަލާތްކުރުމުގައި އިންސާފުވެރި ކަމާއިއެކު، ވަކި އަަތަކަށް ނުޖެހި، ހައްގުގެ މަތީގައި ހުރެގެން މުއާމަލާތްކުރުމަށް ހުޠުބާގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

