އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ގާޒާއިން 480 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިކަމަށް ގާޒާގެ ހެލްތު އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އިޒްރޭލުން ދިޔައީ ހުއްޓުމެއްނެތި ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގައި އިއްޔެއާ ހަމައަށް ޝަހީދުވެފައިވާ މުސްލިމުންގެ އަދަދު ހަތް ހާހުން މައްޗަށް ގޮސްފައިވާއިރު ގާޒާއިން ޝަހީދުވި ފަރާތްތަކުގެ ވަނަވަރު ގާޒާއިން އިއްޔެ ވަނީ އާންމު ކުރަން ފަށާފައެވެ.
މަސްރަހުގެ އިތުރު ބައެއް އަދާ ހަމަތަކަށް ބަލާލާއިރު އެމެރިކާއިންވެސް މި ހަނގުރާމައިގެ ތެރެއަށް ނުސީދާގޮތެއްގައި މިހާރު މިވަނީ ވަދެފައެވެ.
އެގޮތުން ސީރިޔާގައިވާ އިރާނާއި ގުޅުންހުރި ކަމަށް ބެލެވޭ ދެ ފެސިލިޓީއަކަށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެ ހަމަލާތައް ދިނީ ސީރިޔާ އަދި އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެތިބޭ މަރުކަޒުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެތެރޭގައި ދިން ހަމަލާތަކުގެ ރައްދުގައި ކަމަށް އެމެރިކާއިން ބުނެއެވެ.
މީގެ އިތުރުން މިސްރުގެ ޓަބާ ސަރަހައްދުގައި ބޮޑު ގޮވުމެއް ގޮވައި ހަ މީހަކު ޒަޚަމްވެފައިވާއިރު އެއީ ރެޑް ސީ ފަޅިން އައި ހަމަލާތަކެއް ކަމުގައި އިޒްރޭލުން ސިފަކޮށްފައިވެއެވެ. އަދި މިސްރާއި ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށްމީ 21 ވަނަ ދުވަހެވެ.

