ކީރިތިގުރުއާން އަންދާލުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި، ޑެންމާކުގެ ސަރުކާރުން އެގައުމުގެ ޕާރލިމެންޓަށް ފޮނުވައިފިއެވެެ.
ޑެންމާކުގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ ގުރުއާން އަންދާލުން މަނާކުރާ ބިލެއް ހުށަހަޅައިފަ އެވެ.
ޕާލިމެންޓަށް ފޮނުވި ބިލުގައި ވާގޮތުން، އެއްވެސް ދީނެއްގެ ފޮތެއް އަންދާލުމަކީ ޖޫރިމަނާ ކުރެވޭނެ ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ޖިނާއީކުށެއްކަމުގައި ކަނޑައަޅާފައެވެ. މި ބިލަކީ ކުރިން ހުށަހަޅާފައިވާ ބިލެއްގެ އިސްލާހެކެވެ.
ޑެންމާކުގެ ޚާރިޖީ ވަޒީރު ލާރސް ލޮކްކޭ ރަސްމުސެން ޑެންމާކް ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކަށް ވަރަށް މުހިންމު ސިޔާސީ ސިގްނަލެއް ލިބިގެންދާ ކަމަށެވެ.
ޖަސްޓިސް މިނިސްޓަރު ޕީޓާ ހަމެލްގާޑް ވިދާޅުވީ ހުށަހެޅުއްވި ގާނޫނަކީ މިހާރު އެހެން ގައުމުތަކުގެ ދިދަތައް ހަލާކުކުރުން މަނާކުރާ ގަވާއިދަކަށް ލިޔުމަށް ހުށަހަޅާފައިވާ ގާނޫނެއް ކަމަށެވެ.
ޑެންމާކުގެ ގާނޫނުގެ ދަށުން “ދީނީ ގޮތުން މުހިންމު އެއްޗެހިތަކާ މެދު ބޭއިންސާފުން އަމަލުކުރުން” މަނާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހުމެލްގާޑް ވިދާޅުވީ ދާދި ފަހުން ގުރުއާން އަންދާލުމަކީ “ފިތުނަފަސާދަ އާއި ނަފްރަތު އުފެއްދުމުގެ މަގްސަދުގައި” ކުރާ ބޭކާރު ފުރައްސާރަތަކެއް ކަމަށާއި އެކަން މަނާކުރުމުގެ މައިގަނޑު “މޯޓިވޭޝަނަކީ” ގައުމީ ސަލާމަތަށް ކަމަށާއި މިފަދަ ދީނީ ފޮތްތަކަށް އިހާނެތިކޮށް ހިތުމަކީ އެގައުމަށް ނުރައްކާތެރި ކަންތައްތަކެއް މެދުވެރިވެދާނެ ކަމެއްކަމަށެވެ.
ޑެންމާކްގެ ޖަސްޓިސް މިނިސްޓަރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އަންނަ މަހު 14ގައި މިބިލާމެދު ޕާލިމެންޓްގައި މަޝްވަރާކުރާނެ ކަމަށެވެ.
މިއީ އާންމު ތަންތަނުގައި ދީންތަކުގެ މުގައްދަސް ފޮތްތަކުގެ ހުރުމަތް ކަނޑައިލުން ހުއްޓުވުމަށް ނެރެފައިވާ ބިލެކެވެ.

