މި ސަރުކާރުގެ “ގެދޮރުވެރިން” ޕްރޮގްރާމުގެ ދަށުން ހިންގާ “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ އެޕްލިކޭޝަންތައް ބާތިލްކޮށް، އަލުން ހުށަހަޅަން ޖެހޭ ކަހަލަ އުނދަގުލެއް ކުރިމަތި ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު އިއްޔެ ހަމަވިއިރު، 40،000 މީހުން ވަނީ ފޯމު ހުށަހަޅައިފައެވެ. އެއީ ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން ހުށަހެޅީ 19،347 ފޯމެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެއެވެ.
ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅި އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް ނުލިބޭނެ ކަމަށެވެ. ގެދޮރުވެރިކަމަކީ ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވެރިކަމެއްގައި އެންމެ މުހިންމު ސިޔާސަތުކަން ކެމްޕެއިން ތެރޭގައި ވެސް ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް އުންމީދެއް ލިބިފައިވާ އެއްވެސް ކަމެއް ބާތިލް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، މިހާރަށް ވުރެ ރަނގަޅަށް ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

